ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ހުރިހާ ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކުރުމަށްޓަކައި މިމަސް ނިމުމުގެ ކުރިން ޓެންޑާކޮށް، ބިޑަށް ހުލުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯނޑެއްދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއަހަރާއި އަންނަ އަހަރުގެ ބަޖެޓު ތަރުތީބު ކޮށްފައިވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އަމަލީ މަސައްކަތްތައް ފެށުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ އިސްކަމެއް ދެއްވަނީ ގެދޮރުވެރިކަމަށް ކަމަށާއި މިއަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ ތެރެއިން ހޯނޑެއްދޫގައި ގެދޮވެރިކަމުގެ މަޝްރޫއެއް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ފިނޭންސް މިނިސްޓަރަށް ދަންނަވާފަ އޮންނާނެ މިމަހުގެ ތެރޭގަ، ޖެނުއަރީ މަސް ނިމުމުގެ ކުރީން އަޅުގަނޑު ރަށްރަށުގައި ހައުސިން ޔުނިޓް ހެދުމަށްޓަކައި އަޅުގަނޑު ކެމްޕޭންގައި އިއުލާނުކޮށްފައި ހުރި ހުރިހާ މަޝްރޫއެއް ޓެންޑަރަށްލައި އަޅުގަނޑުމެން ބިޑަށް ހުލުވާލައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން. އެ ޕްރޮސެސްގެ ތެރެއިން ކޮންޓްރެކްޓަރުން ހޯދި ދެން މަސައްކަތްތައް ހަވާލު ކުރެވި ކުރިއަށް ދާން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދަކީ ފުއްދެވުމަށްޓަކައި ވެވަޑައިގެންނެވި ވައުދުފުޅުތަކެއް ކަމަށާއި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ވައުދުތައް ފުއްދަން ކަމަށެވެ. މިއަހަރުގެ ބަޖެޓަކީ ވައުދު ފުއްދުމުގެ ބަޖެޓެއް ކަމަށާއި ބަޖެޓު ހަދާފައިވަނީ ވެސް އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.