މި އަހަރުގެ ގޯލްޑަން ގްލޯބްސްގައި އިންޑިއާއިން ވާދަކުރި ޕާޔަލް ކަޕާޑިއާ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެއްޖެއެވެ. އެގޮތުން އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ނުލިބުމުގެ އިތުރުން، އޭނާގެ ފިލްމު "އޯލް ވީ އިމޭޖިން އޭސް ލައިޓް" އަށް ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ.

ނަމަވެސް އޭނާ ހުރީ ހިނިތުންވުމާއެކު ވާދަކޮށް އިނާމު ލިބުނު އެހެން ފަރާތްތަކުގެ ކާމިޔާބީގައި ބައިވެރިވުމުގައެވެ. އެންމެ މޮޅު ޑައިރެކްޓަރުގެ ޝަރަފު ލިބުނީ "ދަ ބްރޫޓަލިސްޓް" ފިލްމު ޑައިރެކްޓްކޮށްފައިވާ ބްރޭޑީ ކޯބެޓަށެވެ.

ފާއިތުވި އަހަރުގެ ފަހުކޮޅު ގޯލްޑަން ގްލޯބްސްގެ ނޮމިނޭޝަންތައް އިއުލާނުކުރިއިރު، ޕާޔަލް ވެގެންދިޔައީ އެންމެ މޮޅު ޑައިރެކްޓަރުގެ ގޮތުގައި ނޮމިނޭޓްވި ހަމައެކަނި ތިންވަނަ އޭޝިއަން އަންހެނާއަށެވެ. ގިނަ ބަޔަކަށް މިއީ އޭގެ ޒާތުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިކަމުގެ ސަބަބުން އޭނާއަށާއި އިންޑިއާ ސިނަމާއަށް ވަރަށް ބޮޑު ސަމާލުކަމެއް ވެސް ލިބިގެން ގޮސްފައިވެއެވެ.

އޭނާގެ ފިލްމު "އޯލް ވީ އިމޭޖިން އޭސް ލައިޓް" މިހާތަނަށް އެމެރިކާގެ އެވޯޑް ސީޒަންގައި ވަރަށް ބޮޑަށް ފާހަގަކުރެވިފައިވެއެވެ. މި ފިލްމު ގޯލްޑަން ގްލޯބްސްއާއި ކްރިޓިކްސް ޗޮއިސް އެވޯޑްސްގައި ނޮމިނޭޓްވެފައި ވެއެވެ. މިއީ ފާއިތުވި އަހަރު ކާން ފިލްމް ފެސްޓިވަލްގައި ގްރޭންޑް ޕްރީ ހޯދި އިންޑިއާގެ ފުރަތަމަ ފިލްމެވެ. ގޯލްޑަން ގްލޯބްސްގެ އިނގިރޭސި ނޫން އެހެން ބަހަކުން ހަދާފައިވާ އެންމެ މޮޅު މޯޝަން ޕިކްޗާގެ ގިންތީގައި "އޯލް ވީ އިމޭޖިން އޭސް ލައިޓް" އަށް ވަނީ "އެމީލިއާ ޕެރެޒް" އަށް އިނާމު ގެއްލިފައެވެ.

"އޯލް ވީ އިމޭޖިން އޭސް ލައިޓް" ބައިނަލްއަގުވާމީ ފިލްމް ފެސްޓިވަލްތަކުގައި މީހުންގެ ލޯތްބާއި ޓްރޮފީތައް ހޯދުމަށްފަހު، 2024 ގެ ފަހުކޮޅު އިންޑިއާގެ ސިނަމާތަކުގައި ދައްކަން ފެށިއެވެ. މި މަހުން ފެށިގެން، މި ފިލްމު ޑިސްނީ ޕްލަސް، ހޮޓްސްޓާގައި ސްޓްރީމްކުރަން ފަށައި، އޯޓީޓީ ޕްލެޓްފޯމްގައި ފުރަތަމަ ފަހަރަށް ދައްކަން ފެށިއެވެ.

ފިލްމް ފެޑެރޭޝަން އޮފް އިންޑިއާއިން މި ފިލްމު އޮސްކާ އެވޯޑަށް އިންޑިއާގެ ރަސްމީ އެންޓްރީގެ ގޮތުގައި ނުހޮވުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވީ ކަމެކެވެ. އޭގެ ބަދަލުގައި، ކިރަން ރާއޯގެ "ލާޕަތާ ލޭޑީސް" އެކަޑަމީ އެވޯޑްސްގެ އެންމެ މޮޅު ބޭރު ބަހުގެ ފިލްމުގެ ގިންތިއަށް އިންޑިއާގެ އެންޓްރީގެ ގޮތުގައި ހޮވުނެވެ. ނަމަވެސް، އެ ފިލްމު ޝޯޓްލިސްޓު ނުވެ އޮސްކާ އެންޓްރީން ކެޓީއެވެ.

82 ވަނަ ގޯލްޑަން ގްލޯބްސް ކުރިއަށް ދަނީ ލޮސް އެންޖެލްސްގެ ބެވެލީ ހިލްޓަން ހޮޓަލުގައެވެ. މި އަހަރު މި ރަސްމިއްޔާތު ހޯސްޓްކުރަނީ ކޮމީޑިއަން ނިކީ ގްލޭސަރ އެވެ.