ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރި އިރު، އެ ގެއިން ފުލުހުންނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވަނިކޮށް، އެ އަދަދަށް ނަގުދު ފައިސާ ދީފައިވާނެ ކަމަށް ރިލެކްސް ފެރީ ސާވިސް ބުނެފިއެވެ.
އެ ސާވިސް އިން ސޯޝިއަލް މީޑިއާގައި ރޭ ދަންވަރު ކުރި ޕޯސްޓެއްގައި ބުނީ، އެއީ ލޯންޗެއް ބަންނަން ހަވާލުކުރި ފައިސާ ކަމަށެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުން އަންނަ ތަހުގީގުގެ ތެރެއިން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.
'ވަން' އަށް މައުލޫމާތު ހިއްސާކުރި ދެ މަސްދަރަކުން ރޭ ވަނީ ފަޒުލްގެ ގެއިން ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ގެންދިޔަކަން ކަށަވަރު ކޮށްދީފައެވެ. އެއް މަސްދަރުން ބުނި ގޮތުގައި ފެނުނު ފައިސާގެ އަދަދު 1.6 މިލިއަން ރުފިޔާއަށްވުރެ ގިނަވާނެއެވެ.
އެ ފައިސާގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ރިލެކްސް ފެރީ ސާވިސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފެރީ ސާވިސްގެ ފަރާތުން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ ހަވާލުކޮށްގެން ލޯންޗެއް ބަނދެފައިވާނެ ކަމަށެވެ.
"އަދި ފަޒުލް ކުންފުނިން ބަން ލޯންޗްގެ ފެންވަރު ރަނގަޅުކަމުން އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާ ކުރެވި، ނިމިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދުފައިސާ ދީފައިވާނެއެވެ،" ރިލެކްސް ފެރީ ސާވިސް އިން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
ފަޒުލް ވަނީ ރިލެކްސް ފެރީން މިގޮތަށް ބުނެފައިވާ ޕޯސްޓް، އޭނާގެ ފޭސްބުކް އެކައުންޓުން ޝެއާ ވެސް ކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ފަޒުލްގެ ގެއިން އެއް މިލިއަނަށްވުރެ ގިނަ ފައިސާ ފުލުހުން ހޯދި ކަމަށް "ވަން" އަށް ބައެއް މަސްދަރުތަކުން ކަށަވަރު ވެފައިވީ ނަމަވެސް، މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލުންނާ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވާތީ، ފަޒުލްގެ ގެއިން ފެނުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ފުލުހުން ކުރިން ވަނީ ފަޒުލްގެ ގެ ފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތުން ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އިތުރަށް މި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށް ފުލުހުންނާއި އޭސީސީން ގުޅިގެން އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އެ ތަހުގީގު ކުރިއަށް ދަނިކޮށް، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު