ކ. ގުޅީގެ ބިން ހިއްކައި، ބަނދަރުގެ މައްސަލަ ހައްލު ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މިއަދު ހަވީރު ގުޅިއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ތަރައްގީއަށް އެދިއެދި ތިބި ތިބުމަށް ނިމުން ގެނެސްދީ، ބޭނުންވާ ކަންކަން ހާސިލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް އެންމެ މުހިންމު ކަމަކީ ރަށުގެ ޖާގަ ނެތުމުގެ މައްސަލައަށް ހައްލެއް އައުން. މިދިޔަ ސަރުކާރުން، އެ ސަރުކާރުގެ ދައުރުގެ ވަރަށް ފަހު ވަގުތު ބިން ހިއްކުމުގެ މަޝްރޫއުގައި އެ އޮތީ ސޮއިކުރެވިފައި. އެހެންނަމަވެސް އެ މަޝްރޫއު އެކަށީގެންވާ ގޮތަކަށް ނުފެށި އޮތީ. އަޅުގަނޑުމެންނަށް ތަންފީޒުކުރަން ފުރަތަމަ ލިބުނު ބަޖެޓު، އެ ސަރުކާރުން ނިމިގެން ދަމުން ފާސްކުރި ބަޖެޓުގައި އެ މަޝްރޫއު ކުރިއަށްގެންދެވޭ ފަދަ ޖާގައެއް ދީފައެއް ނެތް. ނަތީޖާއަކަށްވީ އެ މަޝްރޫއު އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭ ގޮތް ނުވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއާ އެކީގައި ބިން ހިއްކައި، އެއީ ހިލަ ޖަހައިގެން ރައްކާތެރިކުރުމާ އެކީގައި ކުރިއަށްގެންދަން ޖެހޭ މުހިންމު މަޝްރޫއެއް ކަމަށާއި އެމްޓީސީސީ ޓީމު ގުޅިއަށް އައިސްފައިވަނީ ވެސް އެ މަޝްރޫއަށް ކަމަށެވެ.

"މިހާރު އެ މަސައްކަތް، ބަންޑްވޯލް ޖެހުމުގެ މަސައްކަތާ އެކީގައި ފެށިގެން އެދަނީ. ދެން ކުރީގައި ވީ ހެނެއް ނުވާނެ، އެ ޔަގީންކަން އިރާދަކުރެއްވީތީ މިދެނީ. ބަންޑްވޯލް ޖަހައި ނިމި، ފަސް އަޅަން ފަށައި އިރާދަކުރެއްވިއްޔާ ފަސް އަޅައި ނިމިގެން ނޫނިއްުޔާ ދެން އެ މަޝްރޫއެއް ނުހުއްޓޭނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގުޅި ބަނދަރުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ފައްޓަވާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް، ދުރު ރާސްތާއަށް ވެސް އެންމެ ރަނގަޅުވާ ގޮތަކަށް ކަމަށެވެ. އެއީ ވަކި ބަނދަރެއް ހެދުންތޯ ނުވަތަ މިހާރު އޮތް ބަނދަރު އޮތް ތަނުން ޖާގަ އިތުރުކުރުންތޯ ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ މަޝްވަރާތައް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވ ިއެވެ.

"ރައްޔިތުންގެ ހިޔާލު އޭގެ ތެރޭގައި ހިމެނިގެންދާނެ. އެހެންވީމާ ތިބޭފުޅުން ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތް ގޮތަށް، އެއީ ވަކި ބަނދަރެއްތޯ ނޫނީ މިހާރު އޮތް ބަނދަރު އޮތް ތަނުން ބޮޑުކުރުންތޯ އަޅުގަނޑަކަށް މިވަގުތު ނުދެންނެވޭނެ. އެހެންނަމަވެސް އަޅުގަނޑު ދޭނެ ޔަގީންކަމަކީ ބަނދަރުގެ މައްސަލަ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް، މި ރަށުގެ އިގުތިސާދީ ތަރައްގީއަށް ވެސް އެންމެ ނަފާ ލިބޭނެ ގޮތަށް ބިން ހިއްކުމުގެ މަޝްރޫއު ނިމިގެންދާ އިރުގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އޭގެ ކުރިން ވެސް ބަނދަރުގެ ނެރުފައިކަށި ހައްލުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށާއި ވީ އެންމެ ރަނގަޅު ގޮތަކަށް އެ މަސައްކަތްކޮށްދެއްވައި، ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.