އާ އަހަރާ ދިމާކޮށް، ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ނިންމައިފިއެވެ.

"މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތްތައް މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށިގެންދާނެއެވެ.

މިރޭ 8:00 ގައި ފެށިގެންދާ އެ ފެސްޓިވަލުގައި ބައިވެރިވުމަށް އާންމުންނަށް ފުރުސަތު ހުޅުވާލާފައިވާ އިރު، އެ ފެސްޓިވަލުގެ ތެރެއިން އެކި ފުޑް ސްޓޯލުތަކާއި ހުނަވެރިކަން ދައްކާލުމަށް އާޓްސް އެންޑް ކްރާފްޓްސްގެ ސްޓޯލްތައް ވެސް ބެހެއްޓިފައި ހުންނާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މިރޭ 9:00 ގައި ހާއްސަ ޑްރޯން ޝޯއެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ. އެ ޑްރޯން ޝޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 15 މިނެޓަށެވެ. އެއަށްފަހު ދަފި ނެގުމުގެ ހަރަކާތާއެކު ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިރޭގެ ފަހު ހަރަކާތެއްގެ ގޮތުގައި އޮތީ ހަވާ އެރުވުމެވެ. އާ އަހަރުގެ ކައުންޓްޑައުންއާއެކު ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.