މި ފެށޭ އަހަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން، އެ މަނިކުފާނުގެ ސަރުކާރުން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅި ފުރަތަމަ އަހަރެވެ. އެގޮތުން 2025 ވަނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޓެޖެއް ސަރުކާރުން ހުށަހެޅި އިރު، ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެ ބަޖެޓު ފާސްކޮށްދީފަ އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވާ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ ދިވެހި ރައްޔިތުން ގެދޮރުވެރި ކުރުވުމަށެވެ. އެހެންކަމުން އެ މަނިކުފާނު ބަޖެޓު ސިފަކުރައްވަނީވެސް ގެދޮރުވެރިކަމުގެ ބަޖެޓެއްގެ ގޮތުގައެވެ.

"އަޅުގަނޑުމެން އަމިއްލަ ބާރާ އެކީގައި ހަދާ ފުރަތަމަ ބަޖެޓު ވެސް މިއޮތީ ބޯހިޔާވަހިކަމަށް ހާއްސަކޮށްފައި. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައުދުވީގޮތަށް ފެނިގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހި ރައްޔިތުން ދެކޭ ތަން." ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ އެކި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަށްވާއިރު، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސްގެ އެންމެ ބޮޑު އެއް ތަސައްވުރު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އާންމުކޮށް ބޭންކުތަކުން ދިހަ، ބާރަ ޕަސަންޓުގެ އިންޓަރެސްޓުގައި ލިބެން ހުންނަ ލޯނު ސްކީމުގެ ބަދަލުގައި 2025 ގެ ބަޖެޓުގައި ފަސް ޕަސެންޓް އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެ ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ހިޔާވެހި ފައިނޭންސިން ސްކީމް" ގެ ނަމުގައި އެ ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިންނެވެ. އެ ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން އަތޮޅު ތެރެއަށް ހާއްސަ ކޮށްފައިވާ ގިންތީގެ ދަށުން ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އެޗްޑީއެފްސީން ދޫކުރާ އެ ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ އެވެ. ދެވަނަ ގިންތިއަކީ އާބަން ސެންޓަރުތަކެވެ. އެ ގިންތީގެ ދަށުން ބީއެމްއެލް އާއި އެމްއައިބީ މެދުވެރިކޮށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. ތިންވަނަ ގިންތީގައި ހިމެނޭ މާލެ ސަރަހައްދުގައި ގެ އަޅަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި 1.8 ބިލިއަން ރުފިޔާގެ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވެ އެވެ. އެހެންކަމުން މި ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެވެ.

"ގެދުރޮވެރިކަމާ ބެހޭ ސިޔާސަތުގެ ސަބަބުން، މާތްﷲ ގެ ވާގިފުޅާ އެކު 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް. ވީމާ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް،" ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވެފައިވެ އެވެ.