އާ އަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަސް ދުވަހަށް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ބުނީ، އެ ކުންފުނީގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މިމަހުގެ 31 އިން އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެ ކަމަށެވެ.

ނަމަވެސް އިންޓަނެޓް އަދި މޯބައިލް ބޭންކިން "ބޭންކް-އޮން-ދަ-ގޯ" ގެ ހިދުމަތްތަކާއި ސެލްފް ސާވިސް އޭޓިއެމްތަކުން ފައިސާ ނެގުމާއި ޖަމާކުރުން އަދި 24 ގަޑިއިރު އެ ބޭންކުގެ ކަސްޓަމާ ސަޕޯޓު ކޮންޓެކްޓް ސެންޓަރުން ނުވަތަ ވަޓްސް އެޕް ޗެނަލުން ހިދުމަތް ލިބޭނެ ކަމަށެވެ.

އާ އަހަރާ ދިމާކޮށް އާންމުގޮތެއްގައި ބޭންކުގެ ބައެއް ހިދުމަތްތަކަށް މެދުކެނޑުމެއް ގެނެއެވެ. ބައެއް ހިދުމަތްތަކަށް މެދުކެނޑުމެއް ގެނައި ނަމަވެސް، ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ ހިދުމަތްތައް ބީއެމްއެލުން ދެމުންދެއެވެ.