ދިރާގުން 2025 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ އޮފާތަކެއް ލޯންޗުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ އެ ކުންފުނިން ވަނީ އާ އަހަރުގެ ޗުއްޓީއާ ގުޅުވައިގެން، ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ފަދަ ހާއްސަ ފަސް އޮފާއެއް ތައާރަފުކޮށްފައި ކަމަށެވެ.

  • ސަޅި ޕްރިޕެއިޑް ޕްރޮމޯ:

ދިރާގުން ބުނީ އެ އޮފާގެ ދަށުން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2،025 ރުފިޔާއަށް "ސަޅި 365 ދުވަސް" ނުވަތަ "ސަޅި 180 ދުވަސް" ޕްލޭނަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށެވެ. ދިރާގުން ބުނީ ސަޅި 365 ދުވަހުގެ ޕްލޭނަކީ ކަސްޓަމަރުންނަށް ދުވާލަކު އެއް ޖީބީ ލިބޭ، ޖުމުލަ 365ޖީބީގެ ޕްލޭނެއް ކަމަށެވެ.

އެ ޕްލޭން ހިޔާރުކޮށްގެން 100 ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެ ކަމަށާއި "ސަޅި 180" ދުވަހުގެ ޕްލޭނަކީ ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ ލިބޭ ގޮތަށް ޖުމުލަ 720 ޖީބީ 180 ދުވަހަށް ލިބޭ ޕްލޭނެއް ކަމަށް ދިރާގުން ބުންޏެވެ.

  • ޕޯސްޓްޕެއިޑް ޑޭޓާ ބޫސްޓާ:

އެ އޮފާގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހާއްސަ ޑޭޓާ ބޫސްޓާތަކާ އެކު 25ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

  • ސްޓްރީމް 25ޖީބީ އޮފާ:

އެ އޮފާގެ ދަށުން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ސްޓްރީމިންގް އެޑް-އޮންއާ އެކު، ސްޓްރީމިންގެ ބޭނުންތަކަށް 25ޖީބީ މޮބައިލް ޑޭޓާ އެންމެ 25 ރުފިޔާއަށް، 24 ގަޑިއިރުގެ މުއްދަތަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

  • މަންތުލީ ޑޭޓާ ޑޭޓާ އެޑް-އޮން:

މި އޮފާގެ ދަށުން ވަކި މަންތުލީ ޑޭޓާ އެޑް-އޮންތަކާ އެކު ކަސްޓަމަރުންނަށް އެއް އަގެއްގައި 25 ޕަސެންޓް އިތުރު ހިލޭ ޑޭޓާ، 30 ދުވަހުގެ މުއްދަތަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

  • 100ޖީބީ 24 ގަޑިއިރުގެ ޑޭޓާ ޕެކް:

މިއީ ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 24 ގަޑިއިރުގެ ޑޭޓާ ޕެކް އެކްޓިވޭޓްކޮށްގެން އިތުރު 25ޖީބީ ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް ހިލޭ ކޯލްތައް އެއް އަގެއްގައި ލިބޭ އޮފާއެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އާ އަހަރަށް ތައާރަފުކުރި އެ އޮފާތައް ޖެނުއަރީ މަހުގެ ނިޔަލަށް ލިބެން ހުންނާނެ ކަމަށާއި އޮފާތައް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ ހުންނާނެ ކަމަށެވެ.