ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަ ލޯކަލް މާރުކޭޓު ސަރަހައްދުގައި މޯލްޑިވްސް އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނެއް ހިންގައި، ގަވައިދާ ހިލާފަށް އުޅެމުންދިޔަ 23 ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ ލޯކަލް މާރުކޭޓު ސަރަހައްދުގައި މިއަދު ފަތިހުން ފެށިގެން މެންދުރާ ހަމައަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި ލަފާފުރާ އުޅަނދުތައްވެސް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖުމްލަ 148 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް އުޅޭ 22 ބިދޭސީ ފިރިހެނުންނާއި އެއް ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ މަހު ވިދާޅުވެފައި ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 5،000 އެއްހާ މީހުން މިދިޔަ އެއް އަހަރު ތެރޭ ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.