ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް، މަރާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކައަކީ އިންޑިއާގައި ހިނގި ކަމެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާލޭގެ ކެފޭއެއްގައި މަސައްކަތްކުރާ އިންޑޮނޭޝިއާ އަންހެނަކު ގޭންގު ރޭޕްކޮށް މަރާލާފައިވާ ކަމަށާއި އެ އަންހެން މީހާގެ ހަށިގަނޑު މޯޗަރީގައި އެބަ އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަ ދަނީ ފަތުރަމުންނެވެ. އެ ރޭޕްގެ ވީޑިއޯއެއްވެސް ދައުރުވަމުންދާ ކަމަށް ބުނެފައިވާއިރު، އެކަމާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ފުލުހުން ވަނީ އެފަދަ މަރުގެ މައްސަލައެއް ރިޕޯޓް ކޮށްފައިނުވާ ކަމަށް ބުނެފައެވެ.

އިހުސާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ވީޑިއޯއަކަށް ހަވާލާދީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ 2021 ވަނަ އަހަރުގެ މެއި މަހު ބަންގްލަދޭޝްގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ހާދިސާއަކާ ގުޅޭ ވީޑިއޯއެއް ކަމަށެވެ.

އިހުސާން އެ ވިދާޅުވާ ހަބަރު ގެނެސްދީފައިވަނީ ޕްރޮތޮމަލޯ ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ނޫހަކުން 28 މެއި 2021 ގައެވެ. އެ ހަބަރުގައި ބުނެފައިވަނީ އިންޑިއާގައި ބަންގްލަދޭޝްގެ އަންހެނަކު ރޭޕްކުރި ވާހަކާއި އެ ރޭޕްގައި ބައިވެރިވި މީހުންގެ މައުލޫމާތު ހޯދަމުންދާ ވާހަކައެވެ.