ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް، ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ ބައްދަލުވަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގަތުމަށްފަހު ތައާރަފުވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ބުންޏެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަަރުގެ މަގާމަށް މައުރޫފް އައްޔަންކޮށްފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދިން މައްސަލައަކާއި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުންނަށް ބިޑަކާ ނުލައި އަގުހެޔޮކޮށް ހުޅުމާލެއިން ވިއްކައިފައިވާކަމުގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވިއިރު ފަޒުލް ހުންނެވީ ސަސްޕެންޝަންގައެވެ.
ފަޒުލްގެ އިތުރުން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ފަހުން އެ ކުންފުނީގެ މެނޭޖުމަންޓުގެ އިސް ބައެއް ބޭފުޅުންވެސް ސަސްޕެންޑްކޮށް، ބައެއް މުވައްޒަފުން ވަކިވެސް ކުރިއެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.
މީގެ އިތުރުން ކުރީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފްލެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި، އެ ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް، ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު