ސީރިޔާގެ އައު ލީޑަރުގެ އަސްލު ނަން އެނގޭހެއްޔެވެ. އޭނާގެ ނަމަކީ އަހުމަދު ހުސައިން އައްޝަރާއެވެ. އުމުރަކީ 42 އަހަރެވެ. އުފަންވެފައިވަނީ ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގައެވެ. ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން މިމަހުގެ އަށްވަނަ ދުވަހު ހަގުރާމަވެރި ޖަމާއަތްތަކުން ވައްޓާލުމާ ހަމައަށް ގިނަ ބަޔަކު އޭނާ ދަންނަނީ އަބޫ މުހައްމަދު އައްޖޫލާނީގެ ނަމުންނެވެ. އެއީ ހަނގުރާމައިގެ ހަރަކާތްތަކުގައި އޭނާގެ ވަނަމެވެ. އައްޝަރާއަކީ 2017 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މިހާތަނަށްވެސް ހައިއަތު ތަހުރީރުއް ޝާމް، އެޗްޓީއެސްގެ އަމީރެވެ. ލީޑަރެވެ. އޭގެކުރިން 2016 އިން 2017 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް އެއީ ޖަބަހުތަލް ފަތަހަ އައްޝާމް ޖަމާއަތުގެ އަމީރެވެ. އޭގެކުރިން 2012 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2016 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް އެއީ ޖަބްހަތުއް ނުސްރާ ޖަމާއަތުގެ އަމީރެވެ. މިއީ ހައްތާވެސް ހަގުރާމަވެރި ޖަމާއަތްތަކެވެ.
މީގެތެރެއިން އެ ޖަމާއަތެއްގެ ލީޑަރުކަން އައްޝަރާ އެންމެ ފުރަތަމަ ކުރެއްވި ޖަބުހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރޮންޓަކީ އަލްގައިދާ ޖަމާއަތުގެ ސީރިޔާ ގޮތްޕެވެ. އަލްގައިދާއިން އޭނާ ވަކިވެފައިވަނީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން 2016 ވަނަ އަހަރުގެ ތެރޭގައެވެ. އަލްގައިދާއިން ވަކިވިޔަސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަދި ބައެއް އަރަބި ގައުމުތަކުންވެސް އައްޝަރާ ހިމަނާފައިވަނީ ޓެރަރިސްޓުންގެ ލިސްޓުގައެވެ. އޭނާގެ ކުރީގެ ޖަމާއަތްތަކާއި މިހާރުގެ ޖަމާއަތް ކަމުގައިވާ އެޗްޓީއެސް ހިމަނާފައިވަނީވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައެވެ. ދަފުތަރުގައެވެ. މިއަދާ ހަމައަށްވެސް އެކަންއޮތީ އެހެންނެވެ. އައްޝަރާއާ މެދު ހުޅަނގުން ބަލަނީ އެއީ އެންމެ މަތީ ގިންތީގެ ޓެރަރިސްޓެއް ކަމުގައެވެ. އޭނާގެ ބޮލަށް އެމެރިކާއިން ދިހަ މިލިޔަން ޑޮލަރުގެ އިނާމެއްވެސް ހުށައަޅައިފައިވެއެވެ. އެ އިއުލާން އެގޮތުގައި ދަމަހައްޓަމުން އައިސް އެންމެފަހުން ބާތިލުކުރީ ހުސްވި ހަފުތާގައެވެ.
އަލްގައިދާ ޖަމާއަތުގެ ލީޑަރުންގެ ތެރެއިން އައްޝަރާއަށްވުރެ ބޮޑު އިނާމެއް އެމެރިކާއިން ހުށައެޅީ އުސާމާ ބިންލާދިން އާއި އޭނާގެ ނާއިބު އައިމަން އައްޒަވާހިރީގެ ބޮލަށެވެ. އެއީ ފަންސަވީސް މިލިޔަން ޑޮލަރެވެ. ބިންލާދިން ވަނީ އެމެރިކާގެ ހަމަލައެއްގައި 2011 ވަނަ އަހަރު ޕާކިސްތާނުގައި ދުނިޔެއިން ވަކިވެފައެވެ. އައްޒަވާހިރީ ވަނީ 2022 ވަނަ އަހަރު އެމެރިކާއިން ދިން ހަމަލައެއްގައި އަފްޣާނިސްތާނުގައި ދުނިޔެއިން ވަކިވެފައެވެ. އެހެންވީމާ އެމެރިކާއިން އެމީހެއްގެ ބޮލަށް އިނާމު ހުށައަޅާފައިވާ މީހުންގެ ތެރެއިން އެންމެ ބޮޑު އިނާމެއް ހުށައެޅިފައިވާ މީހަކަށް މިހާރު ދުނިޔޭގައިހުރީ އައްޝަރާއެވެ. ދެންވާނީ ކިހިނެއްބާވައެވެ. އޭނާއަކީ ސީރިޔާގެ މިހާރުގެ ވެރިޔާއެވެ. ސީރިޔާއަށް ހަމަޖެހުން ގެނެސް އާރާސްތު ކުރުމަށްޓަކައި އޭނާއާ ވާހަކަ ދައްކަން އެބަޖެހެއެވެ. ބައްދަލުކޮށް ސައްލާކުރަންވެސް އެބަޖެހެއެވެ. އެވަރުގެ ބޮޑު އިނާމެެއް އެމީހެއްގެ ބޮލަށް ހުށައެޅިފައިވާ މީހަކާ ވާހަކަ ދެއްކިދާނެ ހެއްޔެވެ.
ސީރިޔާގެ އައު ލީޑަރު އައްޝާރާގެ ބޮލަށް އެމެރިކާއިން ހުށައަޅާފައިވާ ދިހަ މިލިޔަން ޑޮލަރުގެ ބޮޑު އިނާމު ހުސްވި ހަފުތާ ތެރޭގައި ވަނީ ބާތިލްކޮށްފައެވެ. އެހެންނަމަވެސް އޭނާގެ ެއެޗްޓީއެސް ޖަމާއަތް އަދިވެސް އޮތީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައެވެ. އައްޝަރާގެ ނަންވެސް އޮތީ ޓެރަރިސްޓުންގެ ލިސްޓުގައެވެ. އުނިކުރި އެއްޗަކީ އިނާމެވެ. އެކަންކުރީ އެމެރިކާގެ ވަރަށް މަތީފަންތީގެ ވަފުދެއް ސީރިޔާގެ ވެރިރަށް ދިމިޝްގަށް ގޮސް އެޗްޓީއެސްގެ ވެރިންނާއެކު ހުސްވި ހަފުތާގައި ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ. އެމެރިކާގެ ވަފުދުގެ ވެރިޔަކީ ޚާރިޖިއްޔާގެ ނާއިބު ބާބަރާ ލީފެވެ. މި މަޝްވަރާތަކުގައި ސީދާ އައްޝަރާވެސް ބައިވެރިވިކަމަށް ގަބޫލު ކުރެވެއެވެ. އެގޮތަށް ގަބޫލު ކުރެވޭ ސަބަބަކީ އައްޝަރާ ދައްކަވާފައިވަނީ ވަރަށް އުންމީދީ ވާހަކަތަކެއް ކަމަށް ބާބަރާ ލީފު ވިދާޅުވެފައިވުމުންނެވެ. ދެފަރާތުގެ މެދުގައި ސީދާސީދާ ވާހަކަތަކެއް ނުދެކެވި އެކަމަނާ އެހެން ވިދާޅެއް ނުވާނެތާއެވެ.
އެމެރިކާގެ ވަފުދުގެ މިދަތުރަށްފަހު އެމެރިކާގެ އެކި އޮފިޝަލުން ދެއްވާފައިވާ ބަޔާންތަކުން އެނގެނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކުރުމާއި ޓެރަރިސްޓުންގެ ދަފުތަރުން އައްޝަރާ އާއި އޭނާގެ ގާތް ބައެއް މީހުން އުނިކުރުމަށްވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމެވެ. އެކަމަކު އޭގެކުރިން އެމެރިކާގެ ބައެއް ޝަރުތުތައް ފުރިހަމަވާން އެބަޖެހެއެވެ. އޭގެތެރޭގައި ހިމެނެނީ ސީރިޔާގެ އައު ސަރުކާރުން އިޒްރޭލާ ދެކޮޅުވެރިނުވުމާއި އީރާނާއެކު ގާތްގުޅުމެއް ނުބޭއްވުމާއި ސީރިޔާގައި ޒަމާނީ ޑިމޮކްރަސީއެއް ގާއިމުކުރުމަށް މަގުކޮށުންފަދަ ކަންކަމެވެ. އަދި އިޒްރޭލާ ދެކޮޅު، އީރާނާ އެއްކޮޅު ހަގުރާމަވެރި ޖަމާއަތްތަކަށް ސީރިޔާގެ ބިމުން ޖާގަނުދިނުމަކީވެސް ޝަރުތެކެވެ. އައްޝަރާ ދެއްކެވީ އުންމީދުން ފުރިފައިވާ ވާހަކަތަކެކޭ އެމެރިކާގެ ޚާރިޖިއްޔާގެ ނާއިބު ބާބަރާ ލީފް ވިދާޅުވެފައި އެވަނީ މި ޝަރުތުތަކަށް އައްޝަރާ އާއި އެޗްޓީއެސްގެ ވެރިން އެއްބަސްވާ ކަމުގެ ސިގްނަލް ލިބިފައިވާތީއެވެ. ނުވަތަ ރުހޭކަން އަންގާފައިވާތީއެވެ.
އައްޝަރާ އާއި އެޗްޓީއެސްގެ ފެށުމަކީ އަލްގައިދާ ކަމަށްވިޔަސް މިހާރު ފެންނަނީ މުޅިން ބަދަލުވެފައިވާ ޒައާމަތެކެވެ. އިޒްރޭލާމެދު އައްޝަރާގެ ރައުޔުވެސް މިހާރު ވަރަށް ތަފާތެވެ. ވިދާޅުވެއެވެ. އެއްވެސް އަވަށްޓެރިޔަކާ ޖެހިގަތުމެއް ނުވެއެވެ. އަދާވާތްތެރިވެގަތުމެއް ނެތެވެ. ސީރިޔާ އާއި އިޒްރޭލާ ދެމެދު 1974 ވަނަ އަހަރު ގާއިމުކުރެވުނު އެއްބަސްވުން ދަމަހައްޓަން ބޭނުމެވެ. އިޒްރޭލަށް ނުރައްކާ ކުރުމުގެ ވިސްނުމެއް ފިކުރެއް ނެތެވެ. ައައްޝަރާގެ ރައުޔަކީ މިއީކަމަށް ވިޔަސް އިޒްރޭލުން އެދަނީ ކުރެވެންހުރި އެންމެހައި ކަންކަން ކުރަމުންނެވެ. ސީރިޔާގެ ސަރަހައްދުގެ ތެރެއިން މުޅި އެއް ޕްރޮވިންސް ފޭރިގެންފިއެވެ. ސީރިޔާގެ ވެރިރަށް ދިމިޝްގާ ނުހަނު ގާތުގައި އިޒްރޭލުގެ ފައުޖުތައް ރުކުރުވާލައިފިއެވެ. ކޮންމެ ދުވަހަކުހެން ސީރިޔާގެ އަސްކަރީ އަމާޒުތަކަށް ދަނީ ބޮންއަޅަމުން ސުންނާފަތި ކުރަމުންނެވެ. ބޭނުމަކީ ސީރިޔާއަށް ހިންދެމިލުމުގެ ފުރުސަތެއް ނުދިނުމެވެ. އެކަމަށްވެސް އެޗްޓީއެސްގެ ފަރާތުން މާބޮޑު ރައްދު ދިނުމެއް ނެތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ