ހއ. އިހަވަންދޫގައި ޑޮކްޔާޑު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެ ރަށު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމަށްޓައި އިހަވަންދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހުއެވެ. އިހަވަންދޫގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލުގެ ރައީސް އަހުމަހު ސޮބާހުއެވެ.

އެ ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ ރާއްޖޭގެ ދެކުނާއި އުތުރުގައި ޑޮކްޔާޑުތައް ގާއިމްކޮށް، އެތަންތަނުން ރަނގަޅު ހިދުމަތްތަކެއް ދިނުމަކީ އެ ކުންފުނި އެންމެ އިސްކަންދޭ ކަންކަން ކަމަށެވެ. އެގޮތުން އަންނަ އަހަރު ކުރީ ކޮޅުގައި އިހަވަންދޫގައި ޑޮކްޔާޑުގެ މަސައްކަތް ފެށުމަކީ އަމާޒު ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.

"ބަގޫލުކުރެވެނީ ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް. އެއްވެސް ސަރުކާރެއްގައި ކުރެވޭނެ ކަމެއް ނޫން އަހަރުގެ ފުރަތަމަ ދުވަސްތަކުގައި ބޮޑެތި ކަންކަން ކުރުމަކީ. ހަގީގަތްވާނީ ހަގީގަތަށް،" ވަޖީހު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ޑޮކްޔާޑު ތަރައްގީކުރުމަށް އިހަވަންދޫން ބޮޑު ބިމެއް ވަނީ ހަމަޖައްސާފައިއެވެ. ވަޖީހު ވިދާޅުވި ގޮތުގައި ޖުމްލަ އެއްލައްކަ އަކަަފޫޓުގެ ބިމެއް ކައުންސިލުން ހަމަޖައްސައިދީފައިވެއެވެ.

ވަޖީހު އިތުރަށް ވިދާޅުވީ އެ ރަށުން ޑޮކްޔާޑުގެ ވަޒީފާތަކަށް ޓްރޭންވާން ބޭނުންވާ ފަރާރްތަކަށް މުސާރަ ދިނުމަށްފަހު މާލޭގައި ހުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

ރަސްމިއްޔާތުގައި ކައުންސިލުގެ ރައީސް އަހުމަދު ވިދާޅުވީ ޑޮކްޔާޑް ހެދުމަށް ބިން މީގެ ކުރިން ދީފައިވާނީ އެމްޓީސީސީއަށް ކަމަށާއި ނަމަވެސް އަހަރެއްހާ ދުވަސްވީ އިރުވެސް އެ މަސައްކަތް ފެށިފައިނުވާތީ، އެ ބިން މިހާރު އަތުލާފައިވާ ކަމަށެވެ. އަދި އެ ބިން މިހާރު އެމްޕީއެލަށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ބިން އެމްޕީއެލްއަށް ހަވާލުކޮށްފައިވަނީ 50 އަހަރު ދުވަހަށެވެ. އެ ބިމުން އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމާފައިވާ ކަމަށް ކައުންސިލުގެ ރައީސް އަހުމަދު ވިދާޅުވިއެވެ.