ބިންވެރިޔާ ސްކީމުގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހެދިކަމުގެ ތުހުމަތުވާ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވާ ގޮތުން އޭނާއަށް ގޯތީގެ ރަޖިސްޓްރީ ދިނީ ކުރީގެ ސަރުކާރުން ކަމަށް ފުލުހުން ބުނެފިއެވެ.

ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް އޮތީ ކަނޑައަޅައިފައެވެ. ނަމަވެސް އޭނާއަށް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީ އާއެކު އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އެޗްޑީސީގައި އެދުނެވެ.

ފަޒީލް އެ ހުއްދައަށް އެދިފައި އޮއްވައި، ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ހަމަ އެ ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދުނެވެ. އެހެންވެ އެ ގޯތީގެ ވެރިފަރާތް ޔަގީންކުރަން އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވިއެވެ.

އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން އެޗްޑީސީއަށް މިދިޔަ އޮގަސްޓު މަހު ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުން އަންނަ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ، ފުލުހުން ހިންގަނީ ލިޔުން ފޯޖުކުރިތޯ ޔަގީންކުރުމުގެ ތަހުގީގެއް ކަމަށާއި އެ ތަހުގީގުގައި ފަޒީލް ހިމެނޭހެން މިހާތަނަށް ހަ މީހަކާ ސުވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ފަޒީލް ފުލުހުންނަށް ދިން މައުލޫމާތުގެ އަލީގައި އޭނާ ހުށަހެޅި ގޯތީގެ ރަޖިސްޓްރީއަކީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ ބައްދަލުކުރި ފަހުން އޭނާއަށް ކުރީގެ ސަރުކާރުން ދިން ލިޔުމެއްކަން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ފަޒީލްއަކީ ގޯއްޗަށް ކުރިމަތިލެއްވި ފަރާތެއް. ޝަރުތު ހަމަނުވާތީ އޭނަ ލިސްޓުން ވަކިވެފައި އިން ކަމަށް. އެ ޝަކުވާ ހިފައިގެން ބައްދަލު މިކުރަނީ އަކުރަމްއާ. އަކުރަމްއާ ބައްދަލުކޮށްފައި އެ ޝަކުވާ ހުށަހެޅީ. އެ ބޭނުމުގައި ފަޒީލް އަކުރަމްއާ ބައްދަލުކުރި ކަމަށް ފަޒީލް މައުލޫމާތު ދެއްވަނީ،" އަބްދުﷲ ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ނަމުގައި ފަޒީލްއަށް ދީފައިވާ ބަންޑާރަ ގޯތި ލިބުނުކަމުގެ ލިޔުމަކާއި ގޯތީގެ ރަޖިސްޓްރީ އޭނާ ފުލުހުނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ އަސްލު ލިޔުމެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.