މާލޭ މީހުންނަށް ގޯތި ދޭން ކުރީ ސަރުކާރުގައި ފެށި ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތިތަކެއް ދިން މައްސަލަ ބަލައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މިވަގުތު މަޖިލިސް ޗުއްޓީގައި އޮތުމުން އޭނާ ހުށަހެޅުއްވީ އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލުމަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ބިންވެރިޔާ ސްކީމްގެ އުސޫލުން ބޭރުން އެޗްޑީސީން ގޯތި ދީފައިވާކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އުސޫލުން ބޭރުން 50 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާ ކަމަށާއި އެ ގޯތިތަކުގެ ބިމުގެ ޖުމުލަ އަގު 400 މިލިއަނަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ކުޑޫ އިތުރަށް ވިދާޅުވީ، މިކަން ސަރުކާރުގެ ސަމާލުކަމަށް އައިތާ ފަސް މަސް ވީއިރު ވެސް، އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާ ކަމަށެވެ.

ނަމަވެސް މިއީ ސީރިއަސްކޮށް މަޖިލީހުން ބަލަންޖެހޭ މައްސަލައަކަށްވާތީ، މިކަން ހިނގި ގޮތް ބެލުމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މަޖިލިސް ތެރެއިން އެޅުމަށް މި މައްސަލަ ވީ އެންމެ އަވަހަށް ބަލައިދިނުމަށް އެ ސިޓީގައި ކުޑޫ އެދިވަޑައިގެންފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ބޭރުން ބަޔަކަށް ގޯތިތަކެއް ދިންކަން ހާމަވީ، އެއް ގޯއްޗެއްގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި ދެ މީހަކު ފޮނުވުމުންނެވެ. އެހެންވެ އެ ގޯތި ލިބިފައިވަނީ ކާކަށްތޯ ބެލުމަށް އެޗްޑީސީން މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ.

އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން އޮގަސްޓު މަހުގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.