ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަތޮޅުތެރޭ ރަށްރަށުގެ ގޭބިސީތަކަށް ދެމުން އަންނަ ކުނި ނެގުމުގެ ހިދުމަތުގެ ފީ، މިއަންނަ މަހުން ފެށިގެން ކަރަންޓު ބިލުގައި ހިމެނުމަށް ނިންމައިފިއެވެ.

ވެމްކޯގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ މަސައްކަތަތާ ގުޅޭ ތައްޔާރީތައް ފަށައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ރަށްރަށުގެ ކަރަންޓު ބިލަށް ކުނި ބިލު އެއްކޮށްލުމުގެ މަސައްކަތް ފަށައިފައި" އޮފިޝަލު ވިދާޅުވިއެވެ.

ވެމްކޯގެ ސަދަން އޮޕަރޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާފިއު، ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވެފައިވަނީ އަންނަ ޖެނުއަރީ މަހުގެ ބިލުން ފެށިގެން މާލެ ސަރަހައްދާ އެއްގޮތަށް، ރަށްރަށުގައި ވެސް ވެމްކޯގެ ބިލު، އެ ތަނެއްގެ ކަރަންޓު ބިލާ އެއްކޮށްލާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓު ބިލަށް 34 ޔުނިޓު ނާރާނަމަ، އެ މަހެއްގައި ވެމްކޯއިން އެ ގޭބިސީއަކަށް ބިލެއް ނުކުރާނެ ކަމަށެވެ.

ކުނި ނަގައިދިނުމުގެ ހިދުމަތް ރަށްރަށުގައި ފަށާނީ އެ ރަށެއްގެ ކައުންސިލުން ވެމްކޯއާއެކު ޕާޓްނަޝިޕް އުސޫލުން ކުރާނެ އިންވެސްޓަށް ވެސް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. މިއަންނަ އަހަރު ވެމްކޯގެ ހިދުމަތް ރަށްތަކަށް ފުޅާކުރާނެ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ވެމްކޯއިން މާލޭ ސަރަހައްދުގެ ގެތަކުގެ ކުނި ބިލް ވެސް ކަރަންޓު ބިލުގައި ހިމެނުމަށް ސްޓެލްކޯއާއެކު 2023 މޭ 28 ގައި ސޮއިކޮށްފައެވެ. އެކަމަށްޓަކައި ސަރުކާރުން ވަނީ ގަވާއިދެއް އެކުލަވާލައި ގެޒެޓުވެސް ކޮށްފައެވެ.

ކަރަންޓު ބިލުގައި، ކުނި ބިލް ހިމެނުމަށް ނިންމީ، ގިނަ ފަރާތްތަކުން ކުނި ބިލް ނުދެއްކުމުގެ ސަބަބުން ވެމްކޯއަށް މާލީ ގޮތުން ގެއްލުންވަމުންދާތީއެވެ.