ސްރީލަންކާއިން ރާއްޖެ އައި މީހެއްގެ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި، ކުރިމިނަލް ކޯޓުން މީހެއްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.
މި މައްސަލައަކީ ގއ. ވިލިނގިލި، ތިންމާ، އަހުމަދު ޝާފިއުގެ މައްޗަށް ދައުލަތުން ކުރި ދައުވާއެކެވެ.
ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ، ސްރީލަންކާއިން ރާއްޖެ އައި އިރު، މަސްތުވާތަކެތި ގެނައިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހުޅުލެއިން މާލެ އައިސް ފޭބި ވަގުތު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫގައި ބަހައްޓާފައި ހުއްޓައި، ދެ ދުވަސްމަތިން ބޮޑުކަމުދިޔަ ތަކެތިން ޑައިމޯފިން ހުރި ބުލެޓް ސައިޒްގެ ނުވަ ރަބަރު ޕެކެޓް ފެނުނު މައްސަލައިގައެވެ.
ކުރިމިނަލް ކޯޓުގައި ދައުވާއަށް އިންކާރުކޮށް ޝާފިއު ބުނެފައި ވަނީ، އެ ތަކެއްޗަކީ އޭނާގެ އެއްޗެހި ނޫން ކަމަށާއި އެއީ މަޖުބޫރީ ހާލަތެއް ދިމާވެގެން ކުރެވިފައިވާކަމެއް ކަމާއި، އެ ތަކެއްޗަކީ އެހެން މީހެއްގެ ތަކެތިކަން އޭނާގެ ފަރާތުން ބުނެފައިވާނެ ކަމަށެވެ. އަދި އެތަކެތި ހޯދުމަށް ފުލުހުން މަސައްކަތް ކުރި އިރުވެސް އޭނާއަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވައި އޮޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް އެ ތަކެއްޗަކީ، އޭނާގެ ތަކެތިކަން މައްސަލައިގައި ހުށަހެޅި ހެކިބަހުންނާއި ވަށައިގެންވާ ކަންކަމަށް ބެލުމުން ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް 25 ނޮވެމްބަރު 2019 ގައި ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ.
އަހުމަދު ޝާފިއުގެ ފަރަތުން މި މައްސަލަ ހައިކޯޓުގައި އިސްތިެއުނާފު ކޮށްފައިވަނީ، 2020 ވަނަ އަހަރުގައެވެ.
މައްސަލައިގައި ޝާފިއު ވަނީ އިސްތިއުނާފީ ތިން ނުކުތާއެއް ހައިކޯޓަށް ހުށަހަޅައިފައެވެ.
އެ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ސުވާލު އުފައްދާފައިވަނ،ީ މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ސާބިތުކުރުމުގައި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު އެކުލަވާލި ފަރާތް ހާޒިރުކޮށް ރިޕޯޓާ ގުޅިގެން މުނާގަޝާކުރުމުގެ ފުރުސަތު ނުލިބުމާއި، އެތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވުމާއި، ފެނުނު ތަކެތީގެ މެދުގައެވެ. އެހެންކަމުން މައްސަލައިގައި ޝާފިއުގެ ފަރާތުން އެދިފައިވަނީ ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށްދިނުމަށެވެ.
ޝާފިއުގެ އިސްތިއުނާފީ ނުކުތާތަކަށް ރައްދުދިނުމަށްފަހު، ދައުލަތުން އެދިފައިވަނީ، ކުރިމިނަލް ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތް ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކަނޑައަޅާފައިވަނީ މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ އަތަށް މަސްތުވާތަކެތި ލިބުނުގޮތް ކަށަވަރުކުރެވޭނީ، މަސްތުވާތަކެތި ތަހުލީލު ކުރި ފަރާތް، ނުވަތަ އޭނާގެ ބަދަލު ހާޒިރުކޮށްގެން ކަމަށާއި، ދަށު ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މި ހެކިވެރިޔާ ހާޒިރުނުކުރުމަށް ޝަރީއަތުން ނިންމާފައި ވަނ،ީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ބުރަ ނުވެވޭތީ، މަސްތުވާތަކެތި ތަހުލީލު ކުރި ފަރާތް، ނުވަތަ އޭނާގެ ބަދަލު ހާޒިރުކޮށް މި ވާގިއާ ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި މި މައްސަލަ ދަށުކޯޓަށް ތަހުވީލު ކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން ޝާފިއު އުމުރަށް ޖަލަށްލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، ހައިކޯޓުން މި މައްސަލައިގައި ފާހަގަކޮށްފަިއވާ ކަންކަމުގެ އަލީގައި މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ފޮނުވައިލީ ކަމަށް އިއްޔެ ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު