ހައުސިން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުން ކުރެވިދާނެ މައުލޫމާތެއް ލިބިފައިވާނަމަ، އެ މައުލޫމާތެއް ހިއްސާ ކޮށްދިނުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރެވެން ހުންނާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ޓިނު ބިލްޑިންގައި ހުންނަ ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ އެއްކޮށް އަނދައިފައެވެ. އަދި އެ އިމާރާތާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ހިންގަމުން އަންނަ އެންވަޔަރަމަންޓް މިނިސްޓްރީގެ ބޮޑު ބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެ ތިން މިނިސްޓްރީ މިހާރު ވަގުތީ ގޮތުން ހިންގަމުންދަނީ ދަރުބާރުގޭގައެވެ.

ހޮނިހިރު ދުވަހު ދަރުބާރުގޭގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށެވެ.

"މި ވަގުތުގައި ރާއްޖެން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން، އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް މި އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޓީމުން އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތަައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާުރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް އެބަ ކުރަން،" ސީޕީ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ އެކަން ކުރުުމުގެ ބޭނުމަކީި އެ ހާދިސާއަކީ ބޮޑު އަލިފާނުގެ ހާދިސާއަކަށްވެފައި، އެކަން ހިނގި ގޮތް ރައްޔިތުންނަށް ވެސް އެނގެން ބޭނުންވުމާއި ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މުހިންމު މައުލޫމާތުތަކަކަށްވުން ކަމަށެވެ.

އެތަނުގައި ރޯވި އަލިފާން ނިވި ފުލުހުންނަށް ސައިޓް ލިބިފައިވާތީ ފުލުހުންގެ ފޮރެންސިކް ޓީމުން ސައިޓްގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ތަނުން ނަގަންޖެހޭ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖު ނަގައި އެނަލިސިސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސީޕީ ވިދާޅުވެފައިވެއެވެ.

"އެންމެފުރަތަައެ މަންޒަރުދުއްމީހުންގެ ބަޔާންތައް ނެގުމުގެމަސައްކަތްވެސް އެބަކުރެވޭ އެވަގުތު އެތާތިބި ބައެއް ފަރާތްތަކަކީ އެހާދިސާގެ މައުލޫމާތު އެންމެފުރަތަަ ލިބޭނެކަމަށް ގަބޫލު ކުރެވޭ ފަރާތްތައް ކަމަށްވާތީ، އެ ފަރާތްތައް ހޯދައި ސުވާލުކުރުުގެ މަސައްކަތްވެސް ކުރެވެމުން އެބަދޭ، އެކަމާބެހޭ އެއްވެސް މައުުލޫމާތެއްް ހިއްސާކުރަން ބޭޏުންނަަމ އެކަމަށް ފަސޭހަ ގޮތެއް ހަަހަަޖއްސައި އިއުލާންކުރާނަން،" ސީޕީ ވިދާޅުވެފައިވެއެވެ.

އިމާރާތުގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފުން އިހުމާލުވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ.