ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅައި، ޖޫރިމަނާ މެސެޖު ފޯނަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން އިއްޔެ އިން ފެށިގެން ވަނީ މަނާވެފައެވެ. ވޭޕާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއެކު އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުންވެސް ވަނީ މަނާވެފައެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި، އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާ މެދު ދިވެހި ފުލުހުންގެ ހިދުމަތުން ގާނޫނީ ފިޔަވަޅު އަޅައި، ޖޫރިމަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
"މީގެ އިތުރުން، މިފަދަ އާލާތްތައް ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށްވެސް ހަމަ އެފަދައިން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެއެވެ. އަދި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވޭނެއެވެ. މި މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައި ވާނެއެވެ..،" ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ ގާނޫނަށް ގެނެވުނު އިސްލާހަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އަމަލުކުރުމަށާއި، އެ ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރާ ކަމަށާއި އެންމެންގެ ވެސް އަމާޒަކަށް ވާންވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.
ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު މިދިޔަ މަހު ރައީސް ތަސްދީގުކުރައްވާފައިވާ އިރު، އެ ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އެފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެކެވެ.
ސިިނގިރޭޓް ބުއިން މުޅިން މަނާކޮށްފައިވާ ތަނެއްގައި، ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޯށްދޭ ތަނެއް ނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތް މި ގާނޫނުގައި ބުނާ ޖޫރިމަނާ ކުރުމުގެ އިތުރުން، އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް ބިލުގައިވެއެވެ.
އެގޮތުން ކުރާ ޖޫރިމަނާގެ މިންވަރު 1000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ހަމައަށް އަރާ ކަަމަށް ބިލުގައިވެއެވެ.
ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކޮށްފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ބިލުގައި، ދުންފަތުގެ ބާވަތެއް ވިއްކޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުން 21 އަހަރަށް ބަދަލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ. އެ ބިލުގައިވާ ގޮތުން، އެ ނިންމުން ތަންފީޒު ކުރާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.
ދުންފަތުން ދުރުހެލިވުމަށް "ސެޓޭޝަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކަކީ، ދުންފަތުގެ ބާވަތްތައް ކަމަށް ނުބެލުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު