ކުޅުއްދުފުށި ސިޓީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޔުނިޓް ކަމަށްވާ ސަންޝައިން ކްލާހަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން ވަނީ ސަންޝައިން ކްލާހަށް ބޭނުންވާ އޮޓޮމެޓިކް ގޮނޑިއާއި ލޮކިންގް ގޮނޑީގެ އިތުރުން ކުލާހުގެ ސެންސަރީ އަދި އެކްޓިވިޓީ ޔުނިޓަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައެވެ.
ދިރާގުން ބުނީ، އެ އެހީތެރިކަމުގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެން ކްލާސްރޫމް ސެޓަޕް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.
އެހީ ހަވާލުކުރުމަށް ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ކުޅުދުއްފުށި އޮޕަރޭޝަންސް ސެންޓަރުގެ އެސިސްޓަންޓް މެނޭޖަރު އޮޕަރޭޝަންސް، މުހައްމަދު އަލީ ވިދާޅުވީ، އެއްވެސް ކުއްޖަކު ބާކީނުވާނޭހެން މުޖުތަމައުގައި ޝާމިލުކުރުމަށް އެއްބާރުލުން ދިނުމަކީ ދިރާގުން ހާއްސަ އަހަންމިއްޔަތު ކަމެއްދޭ ކަމެއް ކަމަށެވެ. އަދި އުއްމީދަކީ އެ ވަސީލަތްތަކުގެ ސަބަބުން ސްކޫލުގެ ޓީޗަރުން ކުރަމުން އަންނަ މިންނެތް މަސައްކަތަށް އިތުރު އެހީތެރިކަމެއް ލިބި، ހުރިހާ ކުދިންނަށްވެސް ކުރިއެރުމާއި އުނގެނުމުގެ ފުރުސަތުތައް ތަނަވަސްވެގެންދިއުން ކަމަށް ވިދާޅުވިއެވެ.
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް، މުހައްމަދު މަތީން ވަނީ ސަންޝައިން ކްލާހަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ސަންޝައިން ކުލާހަށް ލިބިގެންދިޔަ ވަސީލަތްތަކުގެ ސަބަބުން، އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު