މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 4.5 މިލިޔަން ރުފިޔާ ދައްކަން ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާގެ ނަމުގައި ނަގާފައިވާ ތިން މިލިއަން ރުފިޔާގެ ލޯނެއް، އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދާ ކަމަށް ބުނެ، އެމްއައިބީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އާޒިމާގެ ޣައިރު ހާޒިރުގައި ކުރި ހުކުމް މުރާޖައާ ކޮށްދިނުމަށް އާޒިމާގެ ފަރާތުން ހުށަހެޅުމުން ބެލި މައްސަލައެކެވެ.

މި މައްސަަލައިގައި އާޒިމާ އެދިފައި ވަނީ ހުކުމް ބާތިލްކޮށްދޭން ނުވަތަ ހުކުމް ބަދަލު ކޮށްދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 124 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރަށް ރިއާޔަތްކޮށް ޣައިރު ހާޒިރުގައި މީގެކުރިން ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް، އާޒިމާ ރަހުނު ބަހައްޓައިގެން އިސްލާމިކް ބޭންކުން ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީއެއް ދޫކޮށްފައިވާ ކަމާއި އެ ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަން ސާބިތުވާ ކަމަށް ވެސް އެ ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން އިއްޔެގެ ނިޔަލަށް ފެސިލިޓީ އަށް ދައްކަން ޖެހި، މިހާތަނަށް ނުދައްކާ އޮތް ފައިސާގެ އަދަދު 4،282،514 ރުފިޔާއަށް އަރާ ކަމަށާއި ޗެރިޓީއަށް އަރާފައިވާ 266،512 އާޒިމާ ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުން ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން އެފައިސާ ތިން މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު ވެސް އެމަހަށްޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދަކަށް ދައްކަމުން ގޮސް، އެންމެހާ ފައިސާ އެމްއައިބީއަށް ދައްކައި ހަލާސް ކުރުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

އޭގެ އިތުރުން ފެސިލިޓީއާ ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށް، ފެސިލިޓީ އެކައުންޓް ބަންދު ކުރެވެންދެން، ފެސިލިޓީއާ ގުޅިގެން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެމްއައިބީއަށް ލިބިގެންވާ އެންމެހާ ހައްގުތަކާއި ބާރުތައް ބާތިލް ނުވެ ދެމިގެންދާނެ ކަމަށް ވެސް ހުކުމްގައި ވެއެވެ.