އިރާނަށް ވެލީގެ ތޫފާނެއް އެރުމާއި ގުޅިގެން، ސްކޫލްތައް ބަންދުކޮށް ފްލައިޓުތައް ކެންސަލް ކޮށްފިއެވެ.

އިރާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް އެރި ވެލީގެ ތޫފާނާ ގުޅިގެން ބޮޑު ސަރަހައްދަކަށް ވަނީ ހިރަފުހުގެ އަސަރު ކޮށްފައެވެ. މި ކަމާ ގުޅިގެން، އެ ސަރަހައްދުގެ ސްކޫލްތަކުގެ އިތުރުން އާންމުން އެއްވެ އުޅޭ ސަރަހައްދުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ސަރަހައްދަށް ދުރު ފެންނަ ނިސްބަތް ވަނީ ވަރަށްބޮޑަށް ދަށް ވެފައެވެ. ފުލައިޓުތަކުގެ ދަތުރުތައް ކެންސަލް ކޮށްފައިވަނީ ދުރުފެންނަ ނިސްބަތް އާދަޔާ ހިލާފަށް ދަށްވުމުގެ ސަބަބުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ ހުޒެސްތާނާއި ބުޝޭހިރް ޕްރޮވިންސަށް އެ ތޫފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު އެ ސަރަހައްދުގެ އިމާރާތްތައް ނުފެންނަ ވަރަށް ވައި ނުސާފުވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ މިންގަނޑުތަކުން ބަލާއިރު އެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާކަމަށާއި އާންމުން ނިކުމެ އުޅުމަށްވެސް ނުރައްކާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.