ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން މީގެ ކުޑަދުވަސްކޮޅެއްކުރިން ނިމުމަކަށް އައުމާއެކު ސީރިޔާގެ ތާރީޚުގެ އެންމެފަހު ސައުވީސް އަހަރުގެ ބާބުވެސް ނިމުމަކަށް އައީއެވެ. ހަމައެކަނި އެބާބެއް ނޫނެވެ. ބައްޝާރުގެ ވެރިކަން 2000 ވަނަ އަހަރު ފެށުމުގެ ކުރިން ވެރިކަމުގައި ހުންނެވީ އޭނާގެ ބައްޕާފުޅު ހާފިޒު އަސަދެވެ. ގާތްގަޑަކަށް ތިރީސް އަހަރު އޭނާވެސް ވެރިކަން ކުރެއްވިއެވެ. އެހެންވީމާ އަސަދު އާއިލާގެ ފަންސާސް އެތައް އަހަރުގެ ވެރިކަންވެސް ނިމުމަކަށް އައީއެވެ. ބައްޝާރާއި އޭނާގެ އާއިލާގެ މެންބަރުން މިވަގުތު ތިއްބެވީ ރަޝިޔާގައެވެ. ރަޝިޔާގެ ސިޔާސީ ހިމާޔަތުގައެވެ. އާއިލާކަމުގައި ހިމެނެނީ ބައްޝާރާއި އޭނާގެ އަނބިކަނބަލުން އަސްމާ އާއި މި ދެމަފިރިންގެ ތިން ބޭފުޅުންނެވެ. މިވަގުތު އެބޭފުޅުން ރަޝިޔާގައި ތިއްބެވިޔަސް ފަހުން އެބޭފުޅުން އެތަނުގައި ތިއްބަވާނެކަން ނުވަތަ ތިއްބެވިދާނެކަމާމެދު ކޮންމެވެސް ވަރެއްގެ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ސަބަބުތަކެއްވެސް ހުރެގެންނެވެ. ބަލައިލަމާބަހީއެވެ.
ބައްޝާރުގެ އާއިލާގެ ގެދޮރާއި މުދާ ރަޝިޔާގައި އެބަހުއްޓެވެ. ޚާއްސަކޮށް ވެރިރަށް މޮސްކޯގައެވެ. މީގެ ފަސް އަހަރު ކުރިން ފައިނޭންޝަލް ޓައިމްސްއޭ ކިޔުނު ނޫހަކުން ހިންގި ތަހުގީގަކަށްފަހު އެނޫހުން ރިޕޯޓްކޮށްފައިވަނީ މޮސްކޯގައި އެކަނިވެސް އެ އާއިލާއިން ގަނެފައިވާ 18 އެޕާޓްމަންޓް އެބަހުރިކަމުގައެވެ. ރަޝިޔާގެ ބޭންކުތަކުގައި އެ އާއިލާގެ ފައިސާ އެބަހުރިކަމުގައެވެ. މިލިއަނުން މިލިއަނުންނެވެ. ބައްޝާރުގެ އެންމެ ދޮށީ ދަރިކަލުންގެ ނަމަކީވެސް ހާފިޒެވެ. އުމުރަކީ ބާވީސް އަހަރެވެ. އޭނާއަކީ މިވަގުތު ރަޝިޔާގެ ޔުނިވަރސިޓީއެއްގައި ޕީއެޗްޑީ ފުރިހަމަ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ބައްޝާރުގެ އަނބިކަނބަލުން އަސްމާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. އުފަންވެ ބޮޑުވީވެސް ލަންޑަނުގައެވެ. ކިޔަވައި ނިމިގެން އެންމެ ފުރަތަމަ ވަޒީފާ އަދާކުރީވެސް ލަންޑަނުގައެވެ. އެއީ އިންވެސްޓްމަންޓް ބޭންކަރެކެވެ. ފައިސާއަށް ހަދާނޭގޮތާއި ރައްކާކުރާނޭ ގޮތުގެ މައުލޫމާތާއި އިލްމު ހުރި ބޭފުޅެކެވެ. އެންމެމަތީ ދަރަޖައަށެވެ.
އަސްމާޔާއި ބައްޝާރު ކައިވެނި ކުރެއްވީ ބައްޝާރުގެ ވެރިކަން ފެށުނުތާ ފަސްމަސް ފަހުންނެވެ. ލަންޑަން ދޫކުރައްވައި އަސްމާ ސީރިޔާއަށް ވަޑައިގެންނެވީވެސް ބައްޝާރުގެ ވެރިކަން ފެށުނުފަހުންނެވެ. އަސްމާގެ މަންމަޔާއި ބައްޕައަކީ ސީރިޔާއިން އިނގިރޭސިވިލާތަށް ހިޖުރަކުރި ދެމަފިރިންނެވެ. ބައްޕަޔަކީ ހިތުގެ ބަލިތަކާބެހޭ ޑޮކްޓަރެކެވެ. ޑރ. ފަވާޒް އަލްއަޚުރާސްއެވެ. މަންމަޔަކީ ކުރީގެ ޑިޕްލޮމެޓެކެވެ. ނަމަކީ ސަހާރެވެ. އެ ދެމަފިރިންވެސް މިހާރު ތިބީ މޮސްކޯގައެވެ. ބައްޝާރުގެ ދެމަފިރިންގެ ހިތާމަތަކުގައި ބައިވެރިވުމުގެ ގޮތުންނެވެ. އަސްމާ ފަދައިން އޭނާގެ މަންމަޔާއި ބައްޕަޔަކީވެސް އިނގިރޭސި ޕާސްޕޯޓް ލިބިފައިވާ އިނގިރޭސި ރައްޔިތުން ކަމަށްވީމާ އެ ތިން މީހުންނަށް ބޭނުންއިރަކު އިނގިރޭސިވިލާތަށް ދެވިދާނެއެވެ. އަސްމާގެ މަންމަޔާއި ބައްޕަގެ ގެދޮރުވެސް ލަންޑަނުގައި އެބަހުއްޓެވެ. އެކަމަކު އެއީ ގާތްކަމެއް ނޫނެވެ. ޑރ. ފަވާޒަކީ ކަޅުފައިސާ ހުދުކުރުމުގެ ތުހުމަތުގައި އެމެރިކާއިން ބްލެކްލިސްޓްކޮށް ފިޔަވަޅު އަޅާފައިވާ މީހެކެވެ.
މަތީގައި ބަޔާންކުރެވުނު ސަބަބާހެދި އަސްމާގެ މަންމަޔާއި ބައްޕަވެސް ދެން ދިގު މުއްދަތަކަށް ތިބުން ކައިރި ތަނަކީ މޮސްކޯއެވެ. ކާފަކުދިންނާއެކުގައެވެ. އަސްމާގެ ކުދިންނާއެކުގައެވެ. ކުރިން އިޝާރާތް ކުރެވުނު ޕީއެޗްޑީއަށް ކިޔަވައިވިދާޅުވާ ހާފިޒުގެ އިތުރަށް ދެން އަސްމާ އާއި ބައްޝާރުގެ ބޭފުޅުންނަކީ ކަރީމާއި ޒައިންއެވެ. މި އާއިލާގެ މުއްސަނދިކަމުގެ މިންވަރަކީ ކޮބައިހެއްޔެވެ. އެމެރިކާގެ ޚާރިޖިއްޔާއިން އެތާގެ ގާނޫނުހަދާ މަޖިލީހަށް 2022 ވަނަ އަހަރު ހުށައެޅި ރިޕޯޓެެއްގައި ބުނެފައިވަނީ އަސަދު އާއިލާގެ މުއްސަނދިކަން ގާތްގަޑަކަށް ދެބިލިޔަން ޑޮލަރާ ގާތްކުރާ ކަމުގައެވެ. މިފައިސާތައް ހުދުކުރުމާއި މުދަލަށް ބަދަލުކުރުމުގެ އެންމެހައި ކަންކަމުގެ އާރުކާޓީއަކަށް ބެލެވެނީ އަސްމާއެވެ. ބައްޝާރުގެ ސަރުކާރުގެ ރަސްމީ މަގާމެއް އަދާނުކުރެެއްވިޔަސް އިގްތިސާދީ އަދި މާލީ ހުރިހައިކަމެއްގެ މުގުލުގައި ހުންނެވި ބޭފުޅަކީ އަސްމާއެވެ. އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު މައިކް ޕޮމްޕިއޯ 2020 ވަނަ އަހަރުގެ ތެރޭގައި ވިދާޅުވެފައިވަނީ ސީރިޔާގެ ދައުލަތް ލޫޓުވުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާ ބޭފުޅަކީ އަސްމާ ކަމުގައެވެ.
ރައީސް ޓްރަމްޕުގެ ކުރީގެ ދައުރުގައި އެމެރިކާގެ އެހެން އޮފިޝަލަކުވެސް ވިދާޅުވެފައިވެއެވެ. އަސަދު އާއިލާގެ ވިޔަފާރީގެ ސިކުނޑިއަކީ އަސްމާއެވެ. ބައްޝާރުގެ އާއިލާގެ ތެރޭގައި މިޒާތުގެ ކަންކަން ކުރައްވާ ބޭފުޅަކަށް ކުރިން ހުންނެވީ ރާމީ މަޚުލޫފެވެ. އެއީ ބައްޝާރުގެ މަންމަފަރާތު ކާފަ އަހުމަދު މަޚުލޫފުގެ ކާފަދަރިކަލެކެވެ. މަޚުލޫފުގެ ބާރުކެނޑުނީ އަސްމާގެ ސަބަބުންނެވެ. ފައިސާގެ ކަންކަން އަސްމާގެ ސީދާ ބެއްލެވުމުގެ ދަށުން ކުރައްވަން ފެއްޓެވުމުންނެވެ. މަޚުލޫފަކީ ފަހުން ބައްޝާރުގެ ހަތުރެކެވެ. ހުންނެވީ ސައިޕްރަސްގެ ރަށްވެހިކަން ހޯއްދަވައިގެން އެތަނުގައެވެ. ކޮންމެއަކަސް ބައްޝާރާއި އޭނާގެ އާއިލާއަށް މިވަގުތު ރަޝިޔާ ނޫން އެހެންތަނެއް ރައްކާތެރިކަމަށް ނުބެލެވެއެވެ. ބައްޝާރުގެ ވެރިކަމުގެ ދައުރުގައި ހިންގާފައިވާ ޖަރީމާތައް ގިނަކަމުންނެވެ. އޭގެތެރޭގައި ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުންވެސް ހިމެނެއެވެ. މިޒާތުގެ ޖަރީމާތަކުގައި ބައިވެރިވި މީހުން ހޯދައި ސަރިޔަތަށް ގެނެވޭނެ ކަމަށް ސީރިޔާގެ އައު ވެރިން ވިދާޅުވަމުން އެބަގެންދަވައެވެ.
ގައުމުދޫކޮށް އެހެން ތަންތަނުގައި ތިއްބަސް އެގައުމުތަކުގެ ސަރުކާރުތަކާ ވާހަކަ ދައްކައިގެން ސީރިޔާގެ ކުރީގެ ވެރިން ގައުމަށް ގެންނާނެ ކަމަށްވެސް އެބޭފުޅުން އެބަވިދާޅުވެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ ބައްޝާރު ހައްޔަރު ކުރުމަށް އިލްތިމާސްކޮށްފައެވެ. މި އިލްތިމާސަށް އިޖާބަ ދިނުމަށްޓަކައި ފްރާންސް ކަހަލަ ގައުމުތަކުން ބައްޝާރު ހައްޔަރުކުރުމުގެ އަމުރު ނެރެންވެސް ދަނީ ތައްޔާރުވަމުންނެވެ. މިކަން މިހެން އޮތީމާ ރަޝިޔާ ދޫކުރައްވައި އެހެން ގައުމަކަށް ބައްޝާރު ވަޑައިގެންނެވުން ދުރުކަމަށް ފެނެއެވެ. ރަޝިޔާގެ ވެރިކަމުގައި ލަޑީމިއަރ ޕުޓިން ހުންނެވިހައި ދުވަހަކު ބައްޝާރަށް ރަޝިޔާ އަމާންވާނެއެވެ. ބައްޝާރު ބެލެހެއްޓުމަކީ ދަތިކަމެއްކަމަށް ޕުޓިން ގަބޫލު ކުރައްވާ ހިސާބުން ދެން އެއޮތީ ނުރައްކަލެވެ. މަތިންދާބޯޓު ވެއްޓުން، ހެލިކޮޕްޓަރު ވެއްޓުން، އުސް އިމާރާތަކުން ވެއްޓުން ފަދަ ގޮތްނޭނގޭ ކޮންމެވެސް އެކްސިޑެންޓެއްގައި ބައްޝާރުވެސް ގެެއްލިދާނެއެވެ. އެއީ ޕުޓިންގެ ވެރިކަމުގައި އެކަން ހިނގާ ގޮތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ