އަންނަ ރޯދަ މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު މި ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޑަބްލިޔުޑީސީތަކަކީ ވަރަށް ބޭއިންސާފު ގޮތަކަށް ހަދާފައިވާ ކޮމިޓީތަކެއް ކަމަށާއި އެ ކޮމިޓީތަކަކީ ރަށުގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ކޮމިޓީތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު މަޖިލީހުގެ އާ ދައުރު ފެށުމާއެކު، ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށާއި ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން މަޖިލިސް ހުޅުވޭއިރު މި އިސްލާހުތައް ހުށަހަޅައިދޭނަން ފެބްރުއަރީ މަހުގެ ކުރީކޮޅު. އެއާއެކު އެ އިސްލާހުތައް ގެނެސް، މި އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ޑަބްލިޔުޑީސީގެ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނެކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ،

ރައީސް ވިދާޅުވީ ޑަބްލިޔުޑީސީގެ މެންބަރުންނަށް ލިބޭ އެލަވަންސަކީ މުސާރައެއްގެ ގޮތުގައި ލިބޭ އެއްޗަކަށް ގާނޫނުން ހަދައިދީ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އަދި ވިހެއުމުގެ ޗުއްޓީ ލިބޭނެ އިންތިޒާމާއި ބޭންކުތަކުން ލޯނާއި ސްކީމްތައް ނެގޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަކީ ވެސް އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އެކަންކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.