އދ. ދަނގެތީގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ބަނދަރު ހަދައިދީ، އެ ރަށުގައި ބިން ހިއްކައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދަނގެއްޗަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދަނގެއްޗަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބަނދަރުގެ މައްސަލަ ކަމަށެވެ. އެކަން ހައްލުކުރުމަށް އެ ރަށުގެ ބަނދަރުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށައި 2026 ގައި ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ދަނގެތީގައި ބިމުގެ ދަތިކަން އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރަށުގެ ފަޅުން 27 ހެކްޓަރު ހިއްކައިދެއްވާނެ ކަމަށެވެ. އެއަށްފަހު އެ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ހަގީގަތަކަށް އަޅުގަނޑު ދަންނަވަނީ މި އަންނަ އަހަރު ނުފެށިދާނެ ބިން ހިއްކަން. އެކަމަކު ފެށެންޔާ ފަށައިދޭނަން. ގައިމުވެސް މި އަންނަ އަހަރު ނުވަންޔާ 2026 ގައި ތި ބޭފުޅުންނަށް ފަޅު ތެރެއިން 27 ހެކްޓަރުގެ ބިން ހިއްކަދޭނަން. ހިއްކަ ދީފަ ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަދޭނަން. ގޯތި ދިނުމާއެކު ހައުސިން މަޝްރޫއުތައް ހިންގުން،" ރައީސް ވިދާޅުވިއެވެ.