ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މިއަތޮޅުގެ ތިން ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ދަނގެއްޗަށެވެ. މިރަށަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ރަށުގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސް މާދަމާ މަހިބަދޫ އަދި އޮމަދުއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އަދި މި ދެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ރަށުގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން ވެސް މިއަތޮޅުގެ އެހެން ބައެއް ރަށްރަށުގެ ރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އދ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.