ހުޅުމާލޭގައި ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ވެހިކަލްތަކަށް ސިނަމާލެ ބްރިޖަށް ނޭރޭ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރި މައްސަލައިގައި އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.
ޓެކްސީ ޑްރައިވަރުން މިދިޔަ ބުދަ ދުވަހު އިހުތިޖާޖަށް ނުކުތީ ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނާ ދެކޮޅު ހެދުމަށެވެ. އެ އިހުތިޖާޖުގެ ތެރެއިން ސިނަމާލެ ބްރިޖަށް ނޭރޭ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރުމުން ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ބުރިޖަށް ނޭރި، ޓްރެފިކް ބާރުބޮޑުވިއެވެ. ނަމަވެސް އެ މައްސަލަ ހައްލުކޮށް 20 ކާރު ފުލުހުން ޓޯކުރިއެވެ.
އެ މައްސަލައިގައި ފުލުހުން މީގެ ކުރީން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ބަންދުކޮށްފައެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ ބުދަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބްލޮކުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައާ ގުޅިގެން މއ. ނަހީދީމަންޒިލް/ މިސްބާހު ޝަރީފު (31އ)، ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު