ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެމްއާރުއައިގެ ހިދުމަތް ދިނުމަށް ރޭ ފަށައިފިއެވެ.
އުނގޫފާރު ހޮސްޕިޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްއާރުއައިގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
އެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން އުނގޫފާރު ރިޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
"ދެ ސަބަބަކަށްޓަކައި އަޅުގަނޑު މިހެން މި ދެންނެވީ. އެންމެ ފުރަތަމަ ސަބަބަކީ އެމަނިކުފާނުގެ ވައުދުފުޅުތައް ފުއްދެވުމަށް އެމަނިކުފާނަކީ 24 ގަޑިއިރު މަސައްކަތްކުރައްވާ ވެރިއެއް. އެ މަނިކުފާނާއެކު މި ރަސްމީ ސިފައެއްގައި މަސައްކަތް ކުރެވުނު 13 ވަރަކަށް މަސް ދުވަސްތެރޭގައި، އެ މަނިކުފާނުގެ ޒައާމަތުގައި އަޅުގަނޑަށް ފެނުނީ އެކަން. އެ ކަށަވަރުކަން އަޅުގަނޑަށް އޮތީތީވެ އެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އަދި ދެވަނަ ސަބަބަކީ އުނގޫފާރު ރައްޔިތުން ތި ތިބީ އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވެފައިކަން އަޅުގަނޑުމެނަށް ޔަގީންވާތީ،" ނާޒިމް ވިދާޅުވިއެވެ.
އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ހެލްތު މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބެލުމަށްފަހު އެކަންތައް ބާރު ސުޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު