ދަރީންގެ ހަރަދަށް މިހާރު ނަގައިދޭ އަދަދު ބޮޑުކުރުމާބެހޭގޮތުން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާއި ފެމިލީ ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރެޝަންގެ އިތުރުން ކަމާބެހޭ އެންޖީއޯއަކާ މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމައިފިއެވެ.
ދަރީންގެ ހަރަދުގެ މައްސަލަ ގަވާއިދު ކޮމިޓީއަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމައު އިބްރާހިމް އެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ، ދަރީންގެ އުމުރުން 18 އަހަރު ފުރެންދެން އެ ކުދީންގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް، އެއް ކުއްޖަކު ހުރިނަމަ މަހަކު 2000 ރުފިޔާ އަދި އެއް ކުއްޖަކަށްވުރެ ގިނަކުދީން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1000 ރުފިޔާއަށްވުރެ މަދުނޫން އަދަދަކަށް ކަމާބެހޭ ގަވާއިދުުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ހަރަދުގެ ގޮތުގައި ދޭ ފައިސާގެ އިތުރުން ކޮންމެ ދަރިއަކަށް އަހަރަކު ތިން ހެދުމާއި ކިޔަވައިދިނުމުގެ ހަރަދުގެ ގޮތުގައި އަހަރަކު ދެ ޔުނީފޯމާއި އެއް ބޫޓާއި ފޮތް ލިސްޓާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ކުއްޖާގެ ބޭސް ފަރުވާގެ ހަރަދުވެސް ދޭން ޖެހޭ ކަމަށާއި، އެ ހަރަދު ދިނުމުގައި ބަލަނީ ސަރުކާރުގެ ބޭސްފަރުވާ ދޭ ރޭޓަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް ހިދުމަތްތަކާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ހަމަ އެކަނި މަހެއްގެ މައްޗަށް ކަނޑައެޅިފައިވާ 2،000 ރުފިޔާއަކީ ދަރީންގެ ހުރިހާ ހަރަދެއް ފުއްދޭ ވަރަށްވުރެ މާބޮޑަށްވެސް ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"އެންމެ ކުޑަމިނުން ސްކޫލް ފީ އާއި ޓިއުޝަންފީތަކަށް އެކަނި ބަލައިލި ކަމުގައިވިޔަސް 2000 ރުފިޔާއަކުން ނުފުދޭނެ، ކުޑަކުދީންނަށް ކާންދޭ ތަކެތީގެ އިތުރުން ނެޕީގެ ހަރަދުތަކަށް އެކަނި ބެލި ނަމަވެސް މި ފައިސާއަކުން ނުފުދޭނެ،" އެ މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، ކަމާބެހޭ ގަވާއިދުގައި ހަރަދުގެ ގޮތުގައި 2000 ރުފިޔާ ދިނުމަށް ބަޔާންކޮށްފައި ވުމުގެ ސަބަބުން ކޯޓުގެ ދިގު މަރުހަލާތައް ކަޑައްތު ކުރުމަށްފަހުވެސް ލިބެނީ ހަމަ އެ އަދަދު ކަމަށެވެ. އެކަމުގެ ސަބަބުން، ރޫޅިފައިވާ އާއިލާތަކާއި އެކަނިވެރި މައިންނަށް ބަރުދާސްތު ނުކުރެވޭ ފަދަ އުނދަގޫ ކަމަކަށް އެކަން ވެފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދު ކޮމިޓީ މެދުވެރިކޮށް ކަމާބެގޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ގަވާއިދަށް ރަނގަޅު ބަދަލެއް ގެނެސްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު