ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރާ އިރު، މި ދުވަސް ހަނދާންކޮށްދެނީ އެކެއް އަނެކެއްގެ ހައްގުތައް ގުޅިލާމެހިފައިވާކަން ކަމަށެވެ.
ރައީސް ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ދުވަހަކީ އެހެން މީހުންގެ މިނިވަންކަމަށް ތެދުވުމަށް ތިމާގެ އަމިއްލަ ނަފްސު ހިމާޔަތްކުރުމަކީވެސް މުހިންމުކަމެއްކަން ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ.
"މި އުސޫލަކީ މީގެ 75 އަހަރު ކުރިން އުފެދުނު ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގެވެސް މައިގަނޑު އަސާސް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޑިމޮކްރަސީގެ މައިގަނޑު އަސާސާއެކު ކަރާމާތާއި ހަމަހަމަކަމާއި އަދުލުއިންސާފުގެ އަސާސްކަމުގައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ރާއްޖެ ދެމިއޮންނާނެ ކަމަށެވެ. އަދި މި ސަރުކާރަކީ، ރާއްޖޭގެ ޖިއޮގްރަފީއާ އެއްގޮތްވާ ގޮތުގެ މަތިން، ސިއްހީ ހިދުމަތާއި ތައުލީމާއި، އަދުލުއިންސާފަށް ހަމަހަމަކަމާއެކު ވާސިލުވެވޭނެ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލައި، ސުލްހަވެރި، އެންމެން ބައިވެރިވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ދެމި އޮންނާނީ ނޫސްވެރިކަމުގެ މިނިވަންކަމާއި މަސައްކަތްތެރިންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަމުގެ އިތުރުން ދެމެހެއްޓެނިވި ވެއްޓެއް ދަމަހައްޓައި އަންނާން އޮތް ޖީލުތަކަށް ޔަގީންކޮށްދިނުމުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު