އައްޑޫ ސިޓީ ހިތަދޫގެ ފުއްޓަރު ފަރާތު މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަން ފަށައިފިއެވެ.

ކްލޮރިން އަޅާފައިވަނީ ހިތަދޫގައި އޮންނަ ކިނބިވައު ކިޔާ ސަރަހައްދަށެވެ.

އައްޑޫ ނޭޗާ ޕާކު ބަލަހައްޓާ އޮފިޝަލަކު، "ވަން" އަށް މިއަދު ވިދާޅުވީ ކިނބިވައު ސަރަހައްދަށް ކްލޮރިން އެޅުމުގެ ސަބަބުން އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތައް މަރުވެގެން ލައްގާ ކަމަށް އާންމުންގެ މީހެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށާއި ގާތްގަނޑަކަށް 200 މީޓަރުގެ ސަރަހަށްދަކަށް ކްލޮރިންގެ އަސަރުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގައި މޫދާ ކައިރީގައި ކްލޮރިން ހުސްކޮށްފައި ހުރި 25 ކިލޯގެ 15 ވަރަކަށް ފާޓާ ހުރި ކަމަށާއި އެއީ މުއްދަތު ހަމަވެފައި ހުރި ފާޓާތަކެއް ކަމަށެވެ.

"އެކި ކަހަލަ ސްޕީޝީސްތައް މަރުވެގެން ބީޗަށް ލައްގާފައި ހުރީ، ގާތްގަނޑަކަށް 25 ސްޕީސީސް އެބައުޅޭ އެކި ބާވަތުގެ،" އޮފިޝަލް ވިދާޅުވިއެވެ.

މަރުވެގެން ލައްގާފައި ހުރި އެއްޗެހީގެ ތެރޭގައި ބޯވަ އާއި ބޯވަދިލަމަހާއި ކަކުންޏާއި ވެނާއި ތޮޅިޔާއި އެކި ކަހަލަގެ ކުދި މަސް ހިމެނެއެވެ.

އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށްވެސް އެކަން އަންގާފައިވާނެ ކަމަށެވެ.