ސީރިއާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި އެ ގައުމުގައި އުފެދުނު ވަރުގަދަ ހަނގުރާމަވެރި ގުރޫޕް އަދި އެ ގައުމުގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ގިނަ ދުވަސްތަކެއްގެ މަސައްކަތުން އެކި ސަރަހައްދުތައް ހިފަމުން ގޮސް އެންމެފަހުން އާދިއްތަ ދުވަހު ވަނީ ވެރިރަށް ދިމިޝްގު ހިފައި އެ ގައުމުގެ ސަރުކާރު ވައްޓާލައިފައެވެ.

ހަނގުރާމަވެރިން ދިމިޝްގަށް އަރަން ފެށުމާއެކު އެ ގައުމުގެ ރައީސް ބަޝާރުލް އަސަދު ގައުމު ދޫކުރައްވައި ފިއްލަވާފައިވާކަމަށް އަޑުފެތުރުމާއެކު ހަނގުރާމަވެރިންނަށް ކާމިޔާބު ލިބި އެ ގައުމުގެ ވެރިކަން ވެެއްޓިފައިވާކަން ވަނީ އިއުލާން ކޮށްފައެވެ.

ސީރިއާގެ ސަރުކާރު ވެއްޓުމާއެކު ރައީސް ބައްޝާރު ފިއްލަވާފައިވާކަމަށް ރައީސް އާ އެންމެ އެކުވެރި ރަޝިޔާއިން ވެސް ވަނީ ބުނެފައެވެ. ރަޝިޔާގެ އޮފިޝަލުން ވަނީ ބައްޝާރު ސީރިޔާ ދޫކުރައްވައި ފިއްލަވާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގައި ހުންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ސީރިއާގެ ވެރިރަށުގައި ހުންނަ އެ ގައުމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ފްލައިޓެއްގައި ބައްޝާރު ފިއްލަވާފައިވާކަމަށް ބުނެފައެވެ. އަދި އެފްލައިޓު ފުރާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށްވެސް އެ ފަރާތުން ފާހަގަކޮށްފައި ވެއެވެ.

ފްލައިޓު ޓްރެކް ކުރާ ވެބްސައިޓު ކަމަށްވާ ފްލައިޓްރާޑާ24 އިން ފެންނަގޮތުން އެ ގައުމުގެ ފްލައިޓެއް ވެރިރަށުން ޔޫއޭއީއަށް ދަތުރުކޮށްފައިވާކަމަށް ދައްކައެވެ. ނަމަވެސް އެފްލައިޓުގައި ބަޝާރު ދަތުރުކުރައްވާފައި ނުވާކަމަށް ބަޝާރުގެ އެޑްވައިޒަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ރޮއިޓާސް އިން ވަނީ ސީރިއާގެ މިލިޓަރީ ދެ ފްލައިޓެއް އާދިއްތަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ދިމިޝްކު އެއާޕޯޓުން ފުރިކަމަށް ރިޕޯޓުކޮށްފައެވެ.

ފްލައިޓު ރާޑާ 24 އިން އެ ފްލައިޓުގެ މައުލޫމާތު ފެންނަން ހުރިއިރު އެ ފްލައިޓުވަނީ އާދިއްތަ ދުވަހުގެ ފަތިހު 03:59 ގައި ދިމިޝްގުން ފުރައިގެން ދަތުރުކުރަން ފަށާފައެވެ. ނަމަވެސް ދަތުރުގެ މަންޒިލު ހިއްސާކޮށްފައެއް ނުވެއެވެ.

ދިމިޝްގުން ފުރި މިލިޓަރީ ފްލައިޓު ހުޅަނގު އުތުރަށް ދަތުރުކުރި ކަމަށް ފެންނައިރު އެ ފްލައިޓުގެ މަންޒިލަކަށް ހުރީ މެޑިޓްރޭނިއަން ކަނޑުގައި ހުންނަ ރަޝިޔާގެ މިލިޓަރީ ބޭހަކަށެވެ. ނަމަވެސް ސީރިއާގެ ވެރިރަށާ ކައިރީގައި އޮންނަ ހޮމްސް ސިޓީ މަތިން ފްލައިޓުގެ މިސްރާބު ބަދަލުވެ ފްލައިޓު އިރުމައްޗަށް ދަތުރުކުރިތަން ފެނެއެވެ.

ފްލައިޓު ރާޑަރ 24 އިން ފެންނަ ގޮތުން ފްލައިޓުގެ ސިގްނަލް ސީރިއާގެ ގަޑިން 04:39 ގައި ގެއްލެއެވެ. ރިޕޯޓުތަކުން ވަނީ ފްލައިޓު އެ ހިސާބުން ގެއްލުނުކަމަށާއި އެ ސަރަހައްދަށް އެއްވެސް ފްލައިޓެއް ވެއްޓިފައިވާކަމުގެ މައުލޫމާތެއްވެސް ލިބިފައި ނުވާކަމަށް ބުނެފައެވެ.

ބައްޝާރު ގައުމު ދޫކުރައްވައި ފިއްލަވާފައިވަނީ ކޮންތާކަށްކަން ކުރިން ހާމަ ނުކުރި ނަމަވެސް، ރަޝިޔާގެ ގައުމީ މީީޑިއާއިން މިއަދު ވަނީ ވެރިކަން ވެއްޓުމާއެކު ބައްޝާރު ރަޝިޔާއަށް ވަޑައިގެންފައިވާކަމަށާއި އެ ގައުމުން ބައްޝާރަށް ހިމާޔަށް ދީފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

ރައީސް ބައްޝާރުލް އަސަދާއި އެ މަނިކުފާނުގެ އާއިލާ ރަޝިޔާގެ މޮސްކޯއަށް ވަޑައިގެންފައިވާކަމަށް ރަޝިޔާގެ މީޑިއާއިން ރިޕޯޓުކޮށްފައި ވީނަމަވެސް އެ ގައުމުގެ ސަރުކާރުގެ އެއްވެސް އޮފިޝަލަކު އެކަން ކަށަވަރުކޮށްދީފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.