"ހަމައެކަނި ދައުލަތުން ފައިސާ ދޭ ކަމަށް ވެއްޖެއްޔާ ކީއްވެގެންތޯ ކުންފުންޏެއް ހަދައިގެން އެ ތަންތަން ހިންގަނީ؟ ކުންފުންޏެއް ހަދައިގެން އެތަނަށް ލިބޭ އާމްދަނީ އެ ތަނުގެ އެކައުންޓަށް ޖަމާކުރާއިރު ކޮންމެ ފަހަރަކު ސަރުކާރުން އެ ފައިސާ ދޭންޖެހޭ ސަބަބެއް ނެތް،"
މިއީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅުވައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ޖަވާބެވެ. މިނިސްޓަރު އެހެން ވިދާޅުވީވެސް ނުރުހުންވެ ހުންނަވައި، އެފަދަ ރާގެއްގައެވެ.
އެ ވިދާޅުވީ ތެދެކެވެ. މިނިސްޓަރުގެ އެ ވާހަކައަށް ފެނަކައިންވެސް ދެކޮޅެއް ނުހަދަ އެވެ. އެކަމަކު އެއީ ކުންފުނީގެ ހާލަތު އޮތްގޮތެވެ.
ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުންޏަކީ އެންމެ ނިކަމެތި ކުންފުންޏެވެ. މިއަދު އެ ކުންފުނި އޮތީ އިނދަޖެހިފައެވެ. ސިޔާސީ ބޭނުމުގައި އެތައް ހާސް މުވައްޒަފުންނަށް ވަޒީފާދީ، ކުންފުނި ބަރާކޮށްފައި އޮތްއިރު ހަރަދު ފޫނުބެއްދި އެ ކުންފުނީގެ ދަރަނި އެތައް ބިލިއަން ރުފިޔާއަކަށް ވަނީ އަރައިފައެވެ. އަމިއްލައަށް މުސާރަ ދެވޭނެ ގޮތެއްވެސް ނެތެވެ. އެ ހުރިހާ ކަމަކާއެކު ކުންފުނީގެ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ވެސް ނުދެވި ކުންފުނި އޮތީ ބޮޑުތަނުން ދަރައިފައެވެ. ރަށްރަށުގެ ކަރަންޓާއި ފެނުގެ ނިޒާމު މަރާމާތު ނުކުރެވި ހިދުމަތްތަކަށް ބުރޫއަރާތީ ޝަކުވާތައްވެސް ކޮޅުން ނުލައެވެ.
ފެނަކައިން މިދިޔަ ބުދަ ދުވަހު އާންމުކުރި އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކުންފުނި ހިންގުމަށް ކޮންމެ މަހަކު 299 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެއީ އެ ކުންފުނީގެ ހިންގުމުގެ ހަރަދުގެ ގޮތުގައާއި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް އިންވެސްޓްމަންޓުގެ އިތުރުން މި އަހަރުގެ ކުރިން ނަގާފައިވާ ލޯނާއި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ދަރަނި އަދާކުރުމަށް ކުރަން ޖެހޭ ހަރަދުތަކެވެ. އެކަމަކު އާމްދަނީގެ ގޮތުގައި ކޮންމެ މަހަކު އެ ކުންފުންޏަށް އެވްރެޖްކޮށް ލިބެނީ 213 މިލިއަން ރުފިޔާ އެވެ.
ފެނަކައިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ ކުންފުނިން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ތެލަށެވެ. ތެޔޮ ބިލްތަކަށް ކޮންމެ މަހަކު 98 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކުރަނީ އެ ކުންފުނީގައި މިވަގުތު ތިބި 7،600 އެއްހާ މުވައްޒަފުންގެ މުސާރައަށެވެ. އެ މުވައްޒަފުންގެ މުސާރައަށް އެކަނިވެސް ކޮންމެ މަހަކު 79 މިލިއަން ރުފިޔާ ހޭދަކުރެއެވެ.
ދެން އޮތީ ލޯނުތަކެވެ. ސަރުކާރާއި ބޭންކުތަކުން ފެނަކައަށް ނެގި ލޯނުތަކަށް ކޮންމެ މަހަކު 30 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. ސަޕްލަޔަރުންނަށް ފައިސާ ދައްކަން 20 މިލިއަން ރުފިޔާ އަދި އެ ކުންފުނިން ފައިސާ ނުދައްކައިގެން، ހަދާފައިވާ "އައުޓް އޮފް ކޯޓް ސެޓްލްމެންޓް" ގެ ދަށުން ކުންފުނިތަކަށް 10.5 މިލިއަން ރުފިޔާ މަހަކު ހޭދަކުރަންޖެހެ އެވެ.
މި ކަންކަމުގެ އިތުރަށް އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ޗައިނާގެ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު 18 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހެ އެވެ.
ފެންނަން ހުރި ލިޔުންތަކާއި ރިޕޯޓްތަކަށް ބަލާއިރު 2018 ވަނަ އަހަރު ނިމުނުއިރު ފެނަކައިގައި ތިބީ 2،750 މުވައްޒަފުންނެވެ. އެ މުވައްޒަފުންނަށް މުސާރަ ދޭން ހޭދަކުރީ 23 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2023 އަހަރު ނިމުނުއިރު އެ އަދަދު ވަނީ 8،000 އިން މައްޗަށް އަރައި، ފެނަކައަށް ނުތަކާ ވަރަށް މުވައްޒަފުން ވައްދައިފަ އެވެ. އޭރު މުވައްޒަފުންނަށް މުސާރަ ދޭން މަހެއްގެ މައްޗަށް 82 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ހިސާބުތަކުން ދައްކައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި ފެނަކަ އެތައް ބިލިއަން ރުފިޔާއެއްގެ ބޮޑު ދަރަންޏެއްގެ ތެރެއަށް ވެއްޓުމުގެ އެއް ސަބަބަކީ މަސައްކަތަށް ބޭނުން ނުވާ ވަރަށް މުވައްޒަފުން ނެގުމެވެ. އެއީ ސިޔާސީ ބޭނުންތަކަށް ނަގާފައި ތިބި ބައެއްކަން ޓްރާންސްޕޭރެންސީ ފަދަ އިދާރާތަކުން އާންމުކޮށްފައިވާ ރިފޯޓުތަކުން ވެސް ހާމަވެ އެވެ. ސަރުކާރުންވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ.
އެ ބުރަ ލުއިކޮށް ފެނަކަ ދެމެހެއްޓުމަށް ފެނަކައިގެ މިހާރުގެ މެނޭޖުމަންޓުން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ ކުންފުނީގައި މަސައްކަތެއް ނެތި ތިބި މުވައްޒަފުން ވަކިކުރަން ނިންމުމެވެ. އެގޮތުން ފެނަކައަށް އެކި މަސައްކަތްތައް ކުރުމަށް ނަގާފައި ތިބި ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު ހަމަވުމުން ކޮންޓްރެކްޓު އާ ނުކޮށް ދޫކޮށްލި އެވެ. ނަމަވެސް އެކަމުންވެސް މާބޮޑު ފައިދާއެއް ނުފެނުނެވެ. މިހާރު އަނެއްކާވެސް ހުށަހަޅާފައިވާ ހައްލަކީ ކުންފުންޏަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ނަގާފައިވާ މުވައްޒަފުން ދޫކޮށްލުމަށެވެ. އެގޮތުން ޕީސީބީން ލަފާދީފައިވާ ގޮތަށް ޖުމުލަ އާމްދަނީ 30 ޕަސެންޓަށްވުރެ މުވައްޒަފުން އިތުރު ނުކުރާން ވަނީ ހުށަހަޅައިފައެވެ.
ފެނަކައިން ބުނާ ގޮތުން އެކަމުން މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދުން އެވްރެޖުކޮށް މަހަކު 22 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. ނަމަވެސް މުވައްޒަފުންތަކެއް ވަކިކޮށްގެން ކުންފުނި "ރައިޓް ސައިޒް" ކުރުމަކީ އޮތް ހައްލު ހެއްޔެވެ؟
"ރައިޓް ސައިޒް ކުރުމަކީވެސް ކުރަންޖެހޭ އެއް ކަންތައް. ހަމައެކަނި ރައިޓް ސައިޒް ކޮށްގެންވެސް ސަލާމަތެއް ނުވާނެ. ހަމައެކަނި ހަރަދު ކުޑަކޮށްގެވެސް ސަލާމަތެއް ނުވާނެ. ކޭޝްފްލޯ ޓައިޓްވާ ނަމަ މިވަގުތު އެއްވެސް ކަމެއް ނުކުރެވޭނެ." ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު 'ވަން' އަށް ވިދާޅުވި އެވެ.
މުވައްޒަފުން މަދުކުރުމުގެ އިތުރުން ފެނަކައިން ވަނީ އެ ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ކުރެވޭނެ 11 ކަމެއް ކަނޑައަޅައި، އެކަންކަން ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ ފެނަކައިން 2022 އަދި 2023 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން އެޑްވާންސް ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ދޫކުރި 619 މިލިއަން ރުފިޔާއިން، މިހާރު އެ ކުންފުންޏަށް ދޭ ޓެރިފް ލޮސް ރެވެނިއު ޕޭމަންޓުގެ ތެރެއިން ކަނޑައަމުންދާ 13.2 މިލިއަން ރުފިޔާ މި ވަގުތަށް ކެނޑުން ހުއްޓާލުމެވެ. އޭގެ ބަދަލުގައި އެ ފައިސާއިން އެސްޓީއޯގެ ތެޔޮ ބިލް ދައްކައި ދިނުމެވެ.
އަނެއް ކަމަކީ ފެނަކައިން ދޭ ނަރުދަމާގެ ހިދުމަތަށް ސަރުކާރުން ދޭ ސަބްސިޑީ އިތުރު ކުރުމެވެ. އެ ސަބްސިޑީއަށް މަހެއްގެ މައްޗަށް 35 މިލިއަން ރުފިޔާ ހަރަދުވާއިރު، އެކަމަށް ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް މި ވަގުތު ދެނީ 11 މިލިއަން ރުފިޔާ އެވެ.
- - ފިނޭންސް މިނިސްޓްރީން 2012 ވަނަ އަހަރު ނަގާފައިވާ 150 މިލިއަން ރުފިޔާގެ ލޯނުގެ ބާކީ ނުދެއްކި އޮތް 88.32 މިލިއަން ރުފިޔާގެ ރީޕޭމަންޓް ދެއްކުން ތިން އަހަރަށް ފަސްކޮށްދިނުން
- - އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި، ފިނޭންސް މިނިސްޓްރީން ނެގި 120 މިލިއަން ލޯނުން ބާކީ ނުދެއްކި އޮތް 33 މިލިއަން ރުފިޔާ ކުރިއަށް އޮތް ތިން އަހަރަށް ފަސްކޮށްދިނުން.
- - ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ނަގާފައިވާ 231 މިލިއަން ރުފިޔާގެ ޓްރެޝަރީ ލޯނަށް މިހާރު މަހަކު ދައްކަމުންދާ 3.06 މިލިއަން ރުފިޔާގެ ރީޕޭމަންޓް ދެއްކުން 3 އަހަރަށް ފަސްކޮށްދިނުން
- - އެމްއައިބީ އިން މިދިޔަ އަހަރު ނެގި 400 މިލިއަން ރުފިޔާ ފިނޭންސް މެދުވެރިކޮށް ރީސްޓްރަކްޗާ ކުރުން
- - ސަރުކާރުގެ އިދާރާތަކުން ފެނަކައަށް ލިބެންޖެހޭ 350 މިލިއަން ހޯދުމުގައި ސަރުކާރުން އެހީތެރިވުން.
- - ކޯޓުތަކަށް ގޮސް ކުންފުނިން ހޯދުމަށް ހުށަހަޅާފައިވާ 300 މިލިއަން ރުފިޔާ ހޯދުމުގައި ފިނޭންސް މިނިސްޓްރީން އެހީތެރިވުން
މި ކަންކަމަށް އެދުނު ސަބަބު ތަފުސީލު ކޮށްދެއްވަމުން މުއާޒު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ލޯނުތައް ނަގާފައި ހުރީ ވަރަށް ބޮޑު އިންޓްރެސްޓުގައި ކަމަށާއި ބައެއް ލޯނުތައް 10 ޕަސެންޓް އިންޓްރެސްޓްގައިވެސް ނަގާފައި އެބަހުރި ކަމަށެވެ. އަދި ނެގި ލޯނުތަކުގެ ތެރެއިން ޖެންސެޓްތަކެއް ގަންނަން ވެގެން 2015 ވަނަ އަހަރު ނެގި ލޯނު ފިޔަވައި ދެން ނަގާފައިވާ ހުރިހާ ލޯނަކީވެސް ދަރަނި ދައްކަން ވެގެން ނަގާފައި ހުރި އިތުރު ދަރަނި ކަމަށް ވިދާޅުވި އެވެ.
"އެ ލޯނުތަކުން ކުންފުންޏަކަށްވާ ފައިދާއެއް ހަގީގަތުގައި ނެތް. ދެން އަޅުގަނޑުމެންނަށްވެސް ބްރީތިން ސްޕޭސެއްވެސް ލިބޭނެތާއޭ ފިނޭންސް މިނިސްޓްރީން ލޯނުތައް ދެއްކުން ތިން އަހަރަށް ލަސްކޮށްދިނީމަ. އެއީކީ ހައްލެއް ނޫން. އެކަމަކު ތިން އަހަރަށް ބްރީތިން ސްޕޭސެއް ނުލިބި ދެން ޖެހޭނީ ކޮންމެވެސް ގޮތަކަށް ފައިސާ އިންޖެކްޓް ކުރަންތާ." މުއާޒު ވިދާޅުވިއެވެ.
ނަމަވެސް އެކަންވެސް ވާކަށް ނެތެވެ. މުއާޒު ވިދާޅުވި ގޮތުގައި ފެނަކައިގެ މާލީ ހާލަތަށް ބަލާއިރު ބޭރުގެ އެއްވެސް ތަނަކުން ލޯނެއް ހޯދުމަކީ ދަތި ކަމެކެވެ. ނޫނީ ނުވާނެ ކަމެކެވެ.
"އަޅުގަނޑުމެންނަކަށް މިހާރު ނެތޭ ކެޕިޓަލް އިންޖެކްޓެއް ކުރެވޭކަށް ކޭޝްފްލޯ ތެރެއަކުން. ދެން ލޯނު ނަގައިގެންވެސް އެކަން ކުރެވޭކަށް ނެތޭ މި ވަގުތު ކުންފުނި ހާލަތު އޮތް ގޮތުން. ހުރިހާ ކޮޅަކުންވެސް ބަނަދެވިފަ މި އޮތީ. އަޅުގަނޑުމެން މެނޭޖްމަންޓަށް ކުރެވޭނެ ކަމަކީ ހަރަދު ކުޑަކުރުން. އެހެންވީމަ ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމެއް ނުލިބިއެއް އަސްލު މިކަމެއް ނުކުރެވޭނެ. އެއީ އަޅުގަނޑުގެ ޕޮއިންޓަކީ،" މުއާޒު ވިދާޅުވި އެވެ.
ސުވާލަކީ މި ހާލަތުގައި ދެން ފެނަކައަށް ހެދޭނީ ކިހިނެއް ހެއްޔެވެ؟ ކުރިން އޮތީ އެސްޓީއޯގެ ދަށަށް ބަދަލުކުރާ ގޮތަށެވެ. އެކަމަކު އެކަން ބާތިލުކޮށް މިހާރު ވާހަކަ ދެކެވެނީ ފެނަކައާއި ސްޓެލްކޯ އެއްކޮށްލުމަށެވެ. މި ގޮތަށް އެއްކޮށްލުމުން ނުކުންނާނެ ނަތީޖާއެއް ނޭނގެ އެވެ. އެކަމާ މެދު އެ ދެކުންފުނިންވެސް އަދި ވާހަކަ ދައްކައިފައެއް ނެތެވެ. އެނގޭން އޮތް ކަމަކީ، މިހާރު ކުރިޔަށް އެދާ ގޮތަށް ދާނަމަ، ފެނަކައިގެ ހާލަތު ދާނީ ގޯހުން ގޯހަށް ކަމެވެ.
ޚަބަރު
ޚަބަރު
ޚަބަރު