މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހިނގަމުންދާ ކަމަށްބުނެ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޖޭއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެމްސީގެ އިންތިހާބުގެ ބައެއް ކަންކަން ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ގޮތާ މެދު ނޫސްވެރިންގެ ފަރާތުން އެ ޖަމިއްޔާއަށް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ނޫސްވެރިންގެ ފަރާތުން ހިއްސާކުރި ކަންބޮޑުވުންތައް ވެސް އެމްޖޭއޭ އިން ހިއްސާކުރިއެވެ.
އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ވޯޓުލާން ރަޖިސްޓްރީކުރި ބައެއް މީޑިއާތަކުން ވޯޓުލާން ހަމަޖައްސާފައިވާ ފަރާތްތައް ކުއްލި ގޮތަކަށް ބަދަލުކުރަން ހުށަހަޅައިގެން ކަމަށްބުނެ ގެޒެޓް ކޮށްފައިވާ ދާއިމީ ވޯޓާޒް ލިސްޓަށް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި އެމްއެމްސީގެ އިންތިހާބު ބޭއްވުމުގެ އުސޫލުގައި ދާއިމީ ވޯޓާޒް ލިސްޓު އެކުލަވާލުމާ ގުޅޭ ސުންގަޑިތަކާއި އިޖުރާއަތްތަކެއް ކަނޑައެޅިފައި ވަނިކޮށް ގެޒެޓްކޮށްފައި އޮތް ދާއިމީ ވޯޓާޒް ލިސްޓައް ބަދަލުތައް ގެނައުމަކީ އުސޫލުގެ ރޫހާ ހިލާފު އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ވެސް އެ ނޫސްވެރިން ފާހަގަކުރިއެވެ.
އެމްޖޭއޭގެ ބަޔާނުގައި ބުނީ އިންތިހާބަށް ކުރިމަތިލުމަށް ދުރާލާ އިއުލާންކޮށް އެކަމުގެ ސުންގަޑި ހަމަވެ ކެންޑިޑޭޓުންގެ ލިސްޓާއި އިންތިހާބުގެ ތާރީހުތައް އިއުލާންކުރި ފަހުން އިންތިހާބަށް ކުރިމަތިލާން މިނިސްޓްރީން އަލުން ހުޅުވާލުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އެ ނޫސްވެރިން ފާހަގަކޮށްފައިވާ ކަމަށެވެ.
ގެޒެޓްކޮށްފައިވާ އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓަށް މިނިސްޓްރީން ފަހު ވަގުތު ބަދަލު ގެނައުމާއި އެ އިންތިހާބާ ގުޅޭ ބައެއް އިޖުރާއަތްތައް މިނިސްޓްރީން ކުރިއަށްގެންދާ ގޮތުން އިންތިހާބާ މެދު ސުވާލު އުފެދި، ސައްހަކަން ގެއްލޭނޭ އެތައް ބައިވަރު ކަންތައްތަކެއް ހިނގަމުންދާ ކަމަށް ގަބޫލުކުރެވޭތީ، މިހާރު އިއުލާންކޮށްފައިވާ އެ އިންތިހާބު ކުރިއަށް ނުގެންގޮސް ލަސްކުރުމަށް އެމްޖޭއޭ އިން ވަނީ ގޮވާލައިފައެވެ. އަދި އެއަށްފަހު އެ އިންތިހާބު އިންތިޒާމުކުރުމަށް މީޑިއާތަކާއި މަސްލަހަތުވެރިން ޝާމިލުވާނޭ ގޮތަށް އިންތިހާބުގެ އިންތިޒާމު ކޮމިޓީއެއް ނަގައިގެން އިންތިހާބު ދެ ފުށްފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވެސް އެ ޖަމިއްޔާ އިން ގޮވާލިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްއެމްސީގެ އިންތިހާބުގައި، އިންތިހާބުކުރަން ޖެހޭނީ މީޑިއާތަކުން ހަތް މީހަކާއި އަމިއްލަގޮތުން ތިން މީހެކެވެ. އިންތިހާބަށް މީޑިއާތަކުން 11 މީހަކު ވާދަކުރާ އިރު، އަމިއްލަގޮތުން ވެސް 11 މީހަކު ވާދަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު