ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ގ. ނޫރަންފިނި/ މަރިޔަމް އިންޝާ ފައިސަލްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، މެންބަރުކަމަށް އިންޝާ އައްޔަންކުރަން އެ ކޮމިޓީން ރުހުން ދީފިއެވެ.
އެންއައިސީއަށް އިންޝާ އައްޔަންކުރަން ފޮނުއްވާފައި ވަނީ، އެ ކޮމިޝަންގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވެފައިވާތީއެވެ. އެހެންކަމުން މިހާރު އެ ކޮމިޝަންގައި ތިއްބެވީ، ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް އާއި ނައިބު ރައީސް އާސިޔަތު ޝިއުނާ އާއި އައިމިނަތު ޝާދިޔާގެ އިތުރުން ޝުއައިބު އަބްދުލްރަހްމާނެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމާއި އެފަދަ އަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ފަރާތަކުން އެފަދަ އަމަލެއް ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަހުގީގުކުރަން އުފައްދާފައިވާ އިދާރާއެކެވެ. މީގެ އިތުރުންވެސް ގިނަ މަސްއޫލިއްޔަތުތަކެއް އެ ކޮމިޝަނާ ވަނީ މަތިކޮށްފައެވެ.
އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރާނީ އެ މަގާމަށް އޭނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، ރައީސުލްޖުމްހޫރިއްޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު