ކޮމާޝަލް ދާއިރާގެ އެކި ކަންތައްތަކުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބެންޖެހޭ 1.4 ބިލިޔަން ރުފިޔާ ނުލިބި އެބަ އޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ކޮމާޝަލް ދާއިރާއިން އެޗްޑީސީއަށް ލިބެން ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަޒުލް ވިދާޅުވީ، އެ ފައިސާ ހޯދުމަށް ސީދާ އޭނާގެ ބެލުމުގެ ދަށުން ވަކި ރިކަވަރީ ކޮމިޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން 1.4 ބިލިއަންގެ ތެރޭގައި ލީސްގެ ގޮތުގައި މީގެކުރިން ރިކަވާ ނުކުރެވި، އަޅުގަނޑުމެންގެ ސަރުކާރު އައުމުގެ ކުރިން ރިކަވާ ނުކުރެވި ގާތްގަނޑަކަށް 699 މިިޔަން އެބައުޅޭ. އަދި ޑިވެލޮޕްމަންޓް އެންޑް ސޭލްސް ވައިސްގެ ގޮތުގައި 720 މިިލިއަން އެބަ އުޅޭ އެހެންވީމާ މީގެތެރޭގައި ޖުމްލަ 1.4 ބިލިޔަނަށްއަރާ،" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، ކޮމާޝަލް ދާއިރާއިން ނުލިބި އޮތް 1.4 ބިލިޔަން ރުފިޔާގެ ތެރެއިން، ރިކަވަރީ ކޮމިޓީގެ މަސައްކަތުން މިހާތަނަށް 226 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

އޭގެ އިތުރުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް މިއަދާ ހަމައަށް ވެސް ނޯޓިސް ފޮނުވަމުންދާ ކަމަށާއި ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީއަށް ފެންނަ އުސޫލުން ފައިސާ ދެއްކުމަށް އެފަރާތަށް ފަސޭހަވާނެ ގޮތަށް ކޯޓު މަރުހަލާގެ ބޭރުން ފުރުސަތުތަކެއް ދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެނޫން ފަރާތްތައް ކޯޓި މަރުހަލާއަށް ގެންދިއުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.