ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވޮން ލީޒިން ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ. ރައީސް ވަނީ ރާއްޖޭގައި އެކި ދާއިރާތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ސަފީރު ވޮން ވަނީ، ސަރުކާރުގެ ވޭތުވެދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި ހޯދާފައިވާ ވިލުންތެރި ކާމިޔާބީތަކާއި އިޖާބީ ކުރިއެރުންތައް ފާހަގަކުރައްވައި، އެކަންކަމަށް ތައުރީފު ކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާކޮށްފައިވަނީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި، ހިއްސާކުރާ މަސްލަހަތުތަކުގެ ތަރަހައިގެ މަތީގައި ކަމަށް ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުމުގައި، ރައީސާއި ސަފީރު ވަނީ، ޗައިނާއިން އިސްނަގައިގެން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާއި ކުރިއަށްއޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު