ދެކުނު އިރުމަތީ ޔޫރަޕާއި އައްޑޫ ސިޓީއާ ދެމެދު ދަތުރުތައް ކުރަން ބަލްގޭރިއާއިން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓު ފްލައިޓެއް ޖައްސައިފިއެވެ.

ޓެސްޓު ދަތުރެއްގެ ގޮތުގައި އާދިއްތަ ދުވަހު މި ދަތުރު ބާއްވާފައިވަނީ ގަލިވާ އެއާލައިނުންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ފޭސްބުކް ޕޭޖުންކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބަލްގޭރިއާގެ ސޯފިއާއިން އައްޑޫއަށް ބޭއްވި ޓެސްޓު ދަތުރުތަކަށް ފަހު ގަމަށް ޗާޓާޑު ދަތުރުތައް ފަށުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށައިފައެވެ.

ގަން އެއާޕޯޓަށް ގަވައިދުން ދަތުރުކުރާ ބައިނަލްއަގުވާމީ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން އެއާލައިންސްއެވެ.

ބަލްގޭރިއާގެ ގަލިވާ އެއާލައިނުން ގަމަށް ޗާޓާޑު ދަތުރުތައް ފަށާއިރު، އެ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޗާޓާޑް ދަތުރުތައް ކުރެއެވެ.