ފިލިޕީންސްގައި ވެލާ މަހުގެ ސޫޕް ބުއި ބަޔަކު މަރުވެއްޖެއެވެ. އެ ގައުމުގެ ކަމާ ގުޅޭ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ވެލާ މަސް ބޭނުންކޮށްގެން ސޫޕް ހަދައިގެން ބުއި މީހުންގެ ތެރެއިން ތިން މީހަކު މަރުވެފައިވަނީ މަގުއިންޑާނައޯ ޑެލް ނޯޓެ ޕްރޮވިންސްގަ އެވެ.

ވެލާ މަހުގެ ސޫޕް ބޮއެގެން ބަލިވި 32 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މަގުއިންޑާނައޯ ޑެލް ނޯޓެ ޕްރޮވިންސްގައި ވެލާ މަހުގެ ސޫޕް ބުއި މީހުންނަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ބޭރަށް ހިންގުމުގެ އިތުރުން ހޮޑުލެވުމާއި ބަނޑުގައި ރިއްސުމުގެ މައްސަލަތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ފިލިޕީންސްގެ ގާނޫނުގައި ވާގޮތުން އެ ގައުމުގައި ވެލާ ހިފުމާއި ކެއުމަކީ މަނާކަމެކެވެ.