ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމައިފިއެވެ.

އެ ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައެވެ.

ޕީޕީއެމް/ޕީއެންސީގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ހަމްދާން "ވަން" އަށް މިއަދު ވިދާޅުވީ މިއަދު ބޭއްވި ސެނެޓް ބައްދަލުވުމުގައި ޕީޕީއެމް އުވާލަން ފެންނަ ކަމަށް ފާސްކޮށްފައިވަނީ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އެ ޕާޓީ އުވާލަން ހުށަހެޅުމުން އެ ވޯޓުގައި 42 ބައިވެރިވެވަޑައިގެން ވޯޓް ދެއްވިއެވެ.

ސެނެޓް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

ޕީޕީއެމް އުވާލަން އެޕާޓީގެ ސެނެޓުން ނިންމާފައިވާ އިރު، އެ ޕާޓީ އުވާލަން އުޅޭ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެ ވާހަކަތައް އެއިރު ވަނީ ދޮގުކޮށްފައެވެ.

ޕީޕީއެމް އުވާލާން ނިންމި އިރު، އެ ޕާޓީގެ ރަޖިސްޓްރީގައި 34،698 މެންބަރުން އެބަތިއްބެވެ.

ޕީޕީއެމް އުފެއްދީ ޑީއާރްޕީ ދެބައި އުފެދުނު "ޒެޑް ޑީއާރްޕީ" ފެކްޝަނުންނެވެ. ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕީއެމް ވަނީ 2013 އަހަރުން 2018 ވަނަ އަހަރަށް ރާއްޖޭގެ ވެރިކަން ކޮށްފައެވެ. އެ ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.