އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ކުރަން ފަށައި، ރާއްޖޭގެ ބައެއް ހިސާބުތައް ފުސްވާން ފަށައިފިއެވެ.

ޖައްވުގެ ނުސާފުކަމުގެ ރިއަލް ޓައިމް މައުލޫމާތު ގެނެސްދޭ "އައިކިއު އެއާ" ގެ އަންދާޒާތައް ދައްކާ ގޮތުން މާލޭގެ ވައިގެ ކޮލިޓީ މިއަދު މެންދުރު ހުރީ 94 ގައެވެ. އައިކިއު އެއާގައިވާ ގޮތުން 94 އެއީ މޮޑަރޭޓް ލެވެލްގެ މިންގަނޑެވެ. ވިލިމާލޭގެ ވައިގެ ކޮލިޓީ 139 ގައި ހުރި ކަމަށް އައިކިއު އެއާއިން ދައްކާ އިރު، އެއީ ސިއްހަތަށް ނުރައްކާވާ ލެވެލް ކަމަށް އައިކިޔުއޭއިން ދައްކައެވެ. އައިކިޔުއޭއިން ބުނީ އެ ލެވެލްގައި ވައިގެ ކޮލިޓީ ހުންނަ އިރު، ހައި ރިސްކު މީހުން ބޭރަށް ނުކުމެ އުޅުމުގައި ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ ކަމަށެވެ.

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެ ސަރަހައްދުގެ ޖައްވު ތައްޔަރުވެ ވައި ނުސާފުވާން ފަށައިފައިވާ ކަމަށް އައިކިޔުއޭއިން އަންދާޒާތަކުން ދައްކައެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ރާއްޖެއަށް، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ. ނަމަވެސް ކުރީ އަހަރުތަކުގައި އެކަމުގެ އަސަރު ރާއްޖެއަށް ކުރީ އިރުވައި މޫސުމުގެ އުތުރު ހަޅައިގައި ބޭ އޮފް ބެންގަލްގެ ކަނޑުން އަންނަ ވަޔާ އެކުގައެވެ. އެއާ ހިލާފަށް މި އަހަރު އިރުވައި މޫސުމުގެ ހަޅަ ޖަހަން ފެށުމުގެ ކުރިން އެކަމުގެ އަސަރު ފެންނަން ވަނީ ފަށައިފައެވެ.

އައިކިއު އެއާގެ އަންދާޒާގައިވާ ގޮތުން ތަޣައްޔަރުވެފައިވާ ވައި މިފަހަރު ރާއްޖެއަށް އަންނަނީ އުތުރު އިންޑިއާގެ ސަރަހައްދުގައި އުފެދުނު ބާރުގަދަ ތޫފާން "ފެންގާލް"ގެ ވައިގެ މިސްރާބު ހުރި ގޮތުގެ ސަބަބުންނެވެ.

އެ ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ.