ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިއްޒަތްތެރި މެންބަރުންގެ ގޮތުގައި މުހާތަބު ކުރާއިރު، އެ މެންބަރުންގެ އިއްޒަތާއި ގަދަރު ހިފަހައްޓަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ދެއްކެވި ވާހަކަތަކާ ގުޅިގެން، މަޖިލިސް ޖަލްސާގައި މެންބަރުން ބިލްތަކަށް ވާހަކަ ދައްކަވާ އިރު، ހަގީގަތާ ހިލާފު ދޮގު ވާހަކަ ނުދެއްކެވުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުންނެވެ.

ކޮޕީރައިޓްސްއާ ބެހޭ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ގާއިމްކޮށްފައިވާ އެންސްޕާއިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރޮޕެގެންޑާ ފަތުރަން ޓީވީ ޗެނަލެއް އުފައްދައި ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތަކުގައި ތިބި މުވައްޒަފުން ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އަދި މީޑިއާ ކުންފުންޏަކަށް އެންސްޕާގެ ކުލީގެ އެގްރީމެންޓް ދޭންޖެހޭ ސަބަބެއް ނޯންނާނެ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

މީކާއީލްގެ ވާހަކަތަކާ ގުޅިގެން ބައެއް މެންބަރުން ނިޒާމީ މައްސަލަ ނެންގެވުމުން އެ ބޭފުޅުންނަށް ފުރުސަތު ދެއްވުމަށްފަހު، މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ތަޅުމުގައި މެންބަރުން ވާހަކަ ދައްކަން ޖެހޭނީ ހަގީގަތުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. ސޯޝަލް މީޑިޔާގައި ފެތުރޭ ހަބަރުތަކުގެ މައްޗަށް ބިނާކޮށް، މަޖިލިަހަށް ވަޑައިގެން ޖަވާބުދާރީ ނުވެވޭ ބޭފުޅުންގެ އަބުރާއި އިއްޒަތް ގެއްލޭގޮތަށް ވާހަކަ ދައްކަން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.