ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ) ގެ މަގާމަށް ސަހާ ވަހީދު އައްޔަންކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މި މަގާމުގެ މަސްއޫލިއްޔަތާ އެކު ބޭންކިން އޮޕަރޭޝަންސް، ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް، ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސްގެ އިތުރުން ބޭންކުގެ ޕްރޮކިއުމަންޓް ބަލަހައްޓަވާނީ ސަހާ ކަމަށެވެ.
ބޭންކިން ދާއިރާގައި 18 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަހާ ވަނީ ބޭންކުގައި މުހިންމު މަގާމުތަކެއް ވެސް ފުރުއްވައިފައެވެ. އޭގެތެރޭގައި ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިން އެންޑް ޗޭންޖް މެނޭޖްމަންޓްގެ އިތުރުން އެންމެ ފަހުން އަދާކުރެއްވި ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރުގެ މަގާމު ހިމެނޭ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
ސަހާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް އިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލާ އޮފް ސައިންސް ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި މީގެ އިތުރުން ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓާ އޮފް ލޯސް (އެލްއެލްއެމް) ހާސިލްކުރައްވާފައިވެއެވެ. ސަހާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަން ވެސް ހާސިލުކުރައްވާފައިވާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ވަނީ އެ ބޭންކުގެ ލީޑާޝިޕް އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބޭންކުން މިއަދު ވަނީ އާ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމެއްވެސް އިއުލާނުކޮށްފައެވެ. އެއީ؛
- ޗީފް ފައިނޭންޝަލް އޮފިސަރު: ނަންދަނަ ސެނެވިރަތުނެ
- ޗީފް ރިސްކް އޮފިސަރު: ގެރީ ލޯޓަން
- ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ): އަދުލީ އަހުމަދު ދީދީ
- ޗީފް ބިޒްނަސް އޮފިސަރު (ސީބީއޯ): މޫސާ ނިމާލް
- ޗީފް ކްރެޑިޓް އޮފިސަރު (ސީސީއޯ): ރަޝްފާ ޖައުފަރު
- ޗީފް މާކެޓިންގ އޮފިސަރު (ސީއެމްއޯ): އައިޝަތު ޒަމްރާ ޒާހިރު
- ޗީފް އިސްލާމިކް ބޭންކިން އޮފިސަރު (ސީއައިބީއޯ): ހަސަން ކަލާމް
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި މުހިންމު ލީޑާޝިޕް މަގާމުތަކަށް ދިވެހިން އައްޔަން ކުރެވެގިން ދިޔުމަކީ ތައުލީމީ، ގާބިލު ދިވެހިން ބިނާކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މި ހުރިހާ ބޭފުޅުންނަކީ ވެސް ދާއިރާގައި ނަމޫނާ ތަޖުރިބާކާރުން ކަމަށާއި އެބޭފުޅުން ސާބިތުކޮށްދެއްވާފައިވާ ގާބިލުކަމާއި ރާއްޖޭގެ ބޭންކިން ދާއިރާއާ ބެހޭ ގޮތުން ހޯއްދަވާފައިވާ ފުރިހަމަ މައުލޫމާތާ އެކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިވުމަށް ބޭންކުން ކަނޑައަޅާފައިވާ ތަސައްވުރަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު