ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ ރިޓަޔަމެންޓް ސްކީމުގެ ތެރެއިން، ވަޒީފާ އިން އަލަށް ރިޓަޔާކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު ދޭ އެލަވަންސް ދިނުން އަންނަ ޖެނުއަރީން ފެށިގެން ހުއްޓާލަން ނިންމައި، އެކަން އިދާރާތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓަރު އަދި ޕޭ ކޮމިޝަނުގެ ރައީސް މޫސާ ޒަމީރު ސޮއިކުރައްވައި އިދާރާތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ނިންމުމަކީ ސަރުކާރުގެ ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަމަށެވެ.
އަލަށް ރިޓަޔާކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުން ހުއްޓާލި ނަމަވެސް މި އަހަރުގެ ނިޔަލަށް ވަޒީފާ އިން ރިޓަޔާވެ މަހުން މަހަށް އިނާޔަތް ލިބޭ މުވައްޒަފުންގެ އިނާޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ ރިޓަޔަމެންޓް ސްކީމުގެ ތެރެއިން، ވަޒީފާ އިން އަލަށް ރިޓަޔާކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު ދޭ އެލަވަންސް ދިނުން ހުއްޓާލަން ނިންމި އިރު، ސަރުކާރުން ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދައުލަތުން ދޭ އަސާސީ ޕެންޝަން ދޭ ގޮތް ބަދަލުކޮށް، ތަނަވަސް މީހުންނަށް އެ ޕެންޝަން ނުލިބޭ ގޮތަށް ހަދަން ނިންމައިފައެވެ.
އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ބުނެފައިވާ ގޮތުން، ދިރިހުންނާނެ ކަމަށް އަންދާޒާކުރެވޭ އުމުރު މައްޗަށް ގޮސް، 65 އަހަރުން މަތީގެ މީހުން މަސައްކަތްކުރާ އުމުރުފުރާގެ މީހުންނަށް ބަރޯސާވާންޖެހޭ މިންވަރު ލަފާކުރާ މިންގަނޑު މުސްތަގުބަލުގައި މައްޗަށް ދާނެ ކަމަށް އަންދާޒާކުރެވެއެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަނަށް 1.45 ބިލިއަން ރުފިޔާ އަދި ދައުލަތުގެ މުއައްސަސާތަކުން ރިޓަޔާވާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން 325 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ޕޭ ހާމަނައިޒޭޝަނާއެކު ރިޓަޔަމަންޓް އިނާޔަތް ދިނުމުގެ އުސޫލު ތަންފީޒު ނުކުރެވިއްޖެ ނަމަ 2055 ވަނަ އަހަރު ޖުމުލަ 7.89 ބިލިއަން ރުފިޔާ ނުވަތަ އެ އަހަރުގެ ނޮމިނަލް ޖީޑީޕީގެ 2.8 ޕަސެންޓާ އެއްވަރުގެ އަދަދެއް ޕެންޝަން ސްކީމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރަންޖެހޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި އޭޕްރިލް 2025 އިން ފެށިގެން ފޯރުންތެރިކަމަށް ބަލައި އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ތެރެއިން 65 އަހަރު ވެފައިވާ މީހުންނަށް އެކަނި ދެވޭ އިނާޔަތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބަދަލުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ދެމުންދާ 'ޔުނިވާސަލް ބޭސިކް ޕެންޝަން' ބަދަލުވެގެންދާނީ 'ޓާގެޓެޑް' ޕެންޝަންގެ އިނާޔަތަކެވެ. ނަމަވެސް އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ގޮތުގައި ބަލާނީ އެންމެ މަތިން ކިހާ ވަރަކަށް ލިބޭ މީހުން ކަމެއް ބުނެފައެއް ނެތެވެ.
ޚަބަރު
ޚަބަރު
ޚަބަރު