ރާއްޖެއަކީ ހަކަތަ އުފައްދާ ގައުމަކަށް ނުވުމުން މުޅިންހެން ބަރޯސާވެފައި އޮންނަން ޖެހެނީ ބޭރުން އެތެރެކުރާ ތެލަށެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ގާތްގަނޑަކަށް 13 ޕަސެންޓް ހަރަދު ކުރަން ޖެހެނީ ތެޔޮ ގަތުމަށެވެ. ތެލުގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމަކާއެކު އެކަމުގެ އަސަރު ކޮންމެ ގޭބިސީއަކަށްވެސް ކުރެއެވެ. އެކަން ބަދަލުކުރަން ކޮންމެ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކުރެއެވެ. ނުވަތަ ކުރަން އުޅެއެވެ.
އެގޮތުން މި ސަރުކާރުން ވަނީ ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށް "މަގޭ ސޯލާ" ޕްރޮގްރާމުގެ ނަމުގައި ޕްރޮގްރާމެއް ފަށައިފައެވެ. އެ ޕްރޮގްރާމުގެ ފޮނިމީރުކަން ފެންނަމުން އަންނަ އެއް ރަށަކީ އާބާދީގައި 100 މީހުން ހަމަނުވާ ވ. ރަކީދޫއެވެ. އެ ރަށުގައި މީހުން ދިރިއުޅެނީ ގާތްގަނޑަކަށް 12 ގެ ހުންނައިރު ދެ ގެއެއް ފިޔަވާ އެހެން ހުރިހާ ގެއެއްގެ ފުރާޅުގައި ސްޓެލްކޯގެ 100 ޕަސެންޓު ހަރަދުގައި ސޯލާ ޖަހައިފައެވެ.
ނަތީޖާއަކީ ރަށުގެ ރައްޔިތުންނަށް ބޭނުންކުރާ ވަރަށްވުރެ އިތުރަށްވެސް ކަރަންޓު އުފައްދައި، ބައެއް ދުވަސްތަކުގައި ދެ ގަޑިއިރަށް ރަށުގެ އިންޖީނުގެ ޖައްސަން ޖެހުމެވެ.
އިއްޔެ ހަވީރު އެ ރަށުގެ އިންޖީނުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ރިއުނަވަބަލް އެނޭޖީ ޑިޕާޓްމަންޓުގެ މެނޭޖަރު އިބްރާހިމް ނިޒާމް ވިދާޅުވީ ރަކީދޫ ގިނަ ގެތަކުުގެ ފުރާޅުތައްް "މަގޭ ސޯލާ" އަށް ސްޓެލްކޯއަށް ކުއްޔަށް ނަގާފައިވުމުން އެ ގެތަކުގެ ކަރަންޓު ބިލުން އެ ކުލި ކަނޑާ ކަމަށެވެ. އަދި ކުއްޔަށް ދައްކަންޖެހޭ ފައިސާ ބިލުން ކެނޑުމަށްފަހު ބައެއް ގެތަކަށް އެ ކުންފުނިން ގާތްގަނޑަކަށް 150 ރުފިޔާ ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާއެއްތެރޭ އެ ރަށުގެ އިންޖީނުގެ ދެ ގަނޑިއިރަށް ހިނގުންވެސް ނިމުމަކަށް ގެނެވިދާނެ ކަމަށާއި ކުރިއަށް އޮތް 20 އަހަރުވެސް އެ ރަށުގައި މިހާރު ގާއިމުކޮށްފައިވާ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމް ބެލެހެއްޓިއްޖެ ނަމަ ރަކީދޫ އިންޖީނުގެ ޑީސަލް ބޭނުންކޮށްގެން ހިންގުން ހުއްޓާލަންޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު