ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގުމަށް އިމާރާތެއް ހޯދިގޮތާ ގުޅިގެން އެ އިދާރާއަށް އަމާޒުވަމުންދާ ތުހުމަތުތައް ބަލައިދިނުމަށް އެންސްޕާއިން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެއެވެ.

އެންސްޕާއިން އޮފީހެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެތަނުގެ ސީއީއޯ ހީނާ ވަލީދަށް ބައެއް ފަރާތްތަކުން ދަނީ ހިޔާނާތުގެ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އިމާރާތެއް ހޯދުމަށް 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ އެކު އެންސްޕާއިން ކުރިކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން ރޭގެ ވަގުތެއްގައި ބްރޯޑްކާސްޓިން ފެށި "އެމްއެމް ޓީވީ" ޗެނަލް ހިންގަނީ އެންސްޕާގެ ފައިސާ އިން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށާ އެތަނަށް ކުލި ދައްކަނީ އެންސްޕާ އިން ކަމަށް ބުނެ ދަނީ ތުހުމަތުތައް ކުރަމުންނެވެ.

އެ ތުހުމަތުތައް ތަހުގީގުކޮށް ދިނުމަށް އެދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު، އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުއްވި ސިޓީއެއްގައި ހީނާ ވިދާޅުވީ ބައެއް ފަރާތްތަކުން ދަނީ އެންސްޕާއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުން ކަމަށެވެ.

ހީނާ ވިދާޅުވީ އެންސްޕާއަކީ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރަމުންދާ އިދާރާއަކަށްވުމުން، އެ އިދާރާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ މެދު ޝައްކު އުފެދޭ ގޮތަށް ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް ބަލައިދިނުމަށް އެދޭ ކަމަށެވެ.

"މިކަމާ ގުޅޭ ފުރިހަމަ، މިނިވަން ތަހުގީގެއް ވީ އެންމެ އަވަހަކަށް ހިންގައިދެއްވައި ރައްޔިތުންނަށް ހާމަކޮށް ދެއްވުމަކީ މިއެޖެންސީގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ. ވީމާ، މިކަމާ ގުޅޭގޮތުން ތިޔަ ކޮމިޝަނުން (އޭސީސީން) ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންގޮސް ދެއްވުމަށްފަހު، އެ ރިޕޯޓް ވީއެންމެ އަވަހަކަށް މި އެޖެންސީއާ ހިއްސާކޮށް ދެއްވުމަށް އެދެމެވެ،" ހީނާ ވިދާޅުވިއެވެ.

އެންސްޕާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިދާރާ ހިންގުމަށް އިމާރަތެއް ހޯދުމުގެ މުއާމަލާތްތައް ފިނޭންސް މިނިސްޓްރީން ފިޔަވައި އެހެން ފަރާތަކާ އެކު ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީއާ އެކު މުއާމަލާތް ކުރިއަށް ގެންގޮސްފައިވަނީ ގަވާއިދުގެ ތެރެއިން ކަމަށް ހީނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ވަނީ އެންސްޕާގެ ނަމުގައި ވަޒީފާއަށް ދީ އެހެން އަމިއްލަ ތަނަކަށް ބޭނުންވާ މުވައްޒަފުން ނަގަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އެކަން ދޮގުކޮށް އެންސްޕާއިން ބުނީ އެ އިދާރާ ހިންގުމަށް މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންނަށް ވަޒީފާގެ މަސްއޫލިއްޔަތު އެކަމަށް ކަނޑައަޅައިފައިވާ އުސޫލުގެ ތެރެއިން ކުރަމުންދާ ކަމަށެވެ.

އެ އިދާރާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ މީހުންގެ މައްސަލަ ބަލައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.

ކުރިއަށް ގެންދިޔަ މުއާމަލާތްތަކަކީ ފިނޭންސް މިނިސްޓްރީއާއެކު ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިޔަ މުއާމަލާތްތަކެއް ކަމަށެވެ.