މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް އަންނަ ހަފުތާގައި ބުޅާ ފެސިލިޓީއަށް ގެންދަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބުޅާ ފެސިލިޓީއަށް ބުޅާތައް ގެންދަން ފެށުމުގެ އެންމެ ފަހުގެ މަޝްވަރާތައް ޖަމިއްޔާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

"ކައުންސިލުން މަސައްކަތް ކުރަމުން މިދަނީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި މާލެތެރޭ އުޅޭ ބުޅާތައް މަގުމަތިން ނަގަން ފެށުމަށް،" ސިޓީ ކައުންސިލުން ބުންޏެވެ.

ބުޅާ ފެސިލިޓީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް މިމަހު އެއްވަނަ ދުވަހު ބޭއްވި ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ މާލޭ މަގުތަކުން ހަ މަސްތެރޭ ބުޅާތައް ނަގައި ނިމޭނެ ކަމަށެވެ. އެ މަސައްކަތް ހަމަސް ދުވަސް ނަގަނީ އެއް ފަހަރާ ހުރިހާ ބުޅާތައް ނުގެންދެވޭނެތީ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

"އަމާޒަކީ 4 ނުވަތަ 6 މަސްތެރޭ މިހިސާބަށް ހުރިހާ ބުޅަލެއް ގެނެވި، އެ އެއްޗިއްސަށް ރަނގަޅު މާހައުލެއްދީ މާލެ ބުޅަލުގެ ނަޖިހުން ސަލާމަތްކޮށްދިނުން. ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތައް ގެނައުން އެއީ ވަރަށް ބޮޑު އަމާޒެއް. ބޮޑަށް މީހުން އުޅޭ ސަރަހައްދުތަކުން ނެގޭތޯ މަސައްކަތްކުރަނީ. އެހެންނަމަވެސް ބުޅާ ހިފުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ގަބޫލުކުރައްވާތި! ހުރިހާ ބުޅާތައް ނަގަން ވަގުތުކޮޅެއް ނަގާނެ." އާޒިމް ވިދާޅުވެފައިވެއެވެ.

ބުޅާތައް ހިފުމުގައި އެކަމުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާނެ ކަމަށާއި ނަމަވެސް އެއީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވުމުން ފުރަތަމަ ފެށިގެންދާ އިރު، ފޯކަސް ކުރާނީ ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތައް، ބުޅާ ފެސިލިޓީއަށް ގެނައުމަށް ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުންވެސް ކުރިއަށް އޮތްތަނުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު، އެހެން ދޫނިސޫފާސޫފި ވެސް ބުޅާ ފެސިލިޓި ކަހަލަ ތަނަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

ބުޅާ ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭނެ ސަރަހައްދަކާއި ކްލިނިކަކާއި ފާމަސީ އާއި ލެބޯޓްރީ އަދި ހިޔާވަހިކަމެއް ހުރެއެވެ. ބުޅާތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް ވެސް އެތަނުގައި ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށް ވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އެ ފެސިލިޓީން ލިބިގެންދާނެ ކަމަށް މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.