ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން އިސްލާމިކް ވިސާ ކްރެޑިޓް ކާޑެއް މިއަދު ތައާރަފުކޮށްފިއެވެ.
ޝަރީއާގެ އުސޫލުތަކަށް ފެތޭ އެ ކްރެޑިޓް ކާޑު ނެރުނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބީއެމްއެލް އިން ބުނީ، އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ. ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗާ ކާޑު ލިބެން ހުންނަ އެ ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެއް ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް، ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދައި، ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާޗަންޓުންގެ ވައުޗާ ހޯދުމަށްވެސް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ ކަސްޓަމަރުންނަށް ދޭ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއަށް، ވިސާ ކްރެޑިޓް ކާޑު ތައާރަފުކުރުން ވެގެންދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.
އަދި ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ހިދުމަތްތަކާއި އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.
ބީއެމްއެލް އިސްލާމިކުން އަންނަނީ ރާއްޖޭގެ އިސްލާމިކް ބޭންކިން ދާއިރާއަށް ތަފާތު، އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ. އެގޮތުން ބޭންކުން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު މި އަހަރު ކުރީކޮޅު ތައާރަފުކޮށްފައެވެ.
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.
https://www.bankofmaldives.com.mv/islamic/cards/credit-cards
ޚަބަރު
ޚަބަރު