ހިޔަލަ ވީކެންޑް މާކެޓުގެ ކިއޮސްކްތައް ކޮންމެ ދުވަހަކުވެސް ހުޅުވާގޮތަށް ބަދަލުކޮށްފިއެވެ.

ބިޒްނަސް ސެންޓާ ކޯޕްރޭޝަން (ބީސީސީ) އިން މިއަދު ބުނީ ކުރިން ހަފުތާ ބަންދު ދެ ދުވަހު ހުޅުވާގޮތަށް ނިންމި ނަމަވެސް މިހާރު ކޮންމެ ދުވަހަކު ވެސް އެ މާރުކޭޓު ހުޅުވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 23 ގައެވެ. އެ މާކެޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

އެ މާކެޓުގެ މަގުސަދަކީ، އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ވިޔަފާރި ސަރަހައްދެއް ގާއިމުކޮށްދިނުމެވެ. އެކަން ކުރިއަށްގެންދަނީ ސަރުކާރުގެ އިސްނެގެމާ އެކު ބީސީސީ އާއި އިކޮނޮމިކް މިނިސްޓްރީގެ އެއްބާރުލުމާ އެކުގައެވެ. އެ މާރުކޭޓުގައި އަންހެން ކަނބަލުންގެ ކުދި ވިޔަފާރިތައް ކުރިއަރުވަން ހަދާފައި ހުންނަ ކާބޯތަކެތި، އަތްތެރި މަސައްކަތްތައް، އާޓުގެ މަސައްކަތްތައް ގަންނަން ލިބެން ހުރެއެވެ.