މާލެއިން ސްރީލަންކާގެ ކޮލަމްބޯއަށް ދަތުރުކުރި ފުލައިޓެއް، މޫސުން ގޯސްވުމާ ގުޅިގެން މައްޓަލަ އެއާޕޯޓަށް ޑައިވާޓްކޮށްފިއެވެ.

ލަންކާގެ މޫސުން ގޯސްވެ އެ ގައުމުގެ މައި އެއާޕޯޓު، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ އަރާފައިވާ އިރު، މިއަދު މެންދުރުފަހު 3:14 ހާއިރު މާލެ އިން ފުރި ސްްރީލަންކަން އެއާލައިންސްގެ ފްލައިޓު UL116 ވަނީ ކޮލަމްބޯ އެއާޕޯޓަށް ޖެއްސުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، ލަންކާގެ މައްޓަލަ އެއާޕޯޓަށް ޑައިވާޓުކޮށްފައެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ އޮފިޝަލަކު ''ވަން'' އަށް މައުލޫމާތުދެއްވަމުން މިރޭ ވިދާޅުވީ 73 ފަސިންޖަރުންނާއެކު މާލެއިން ކޮލަމްބޯއަށް ދަތުރުކުރި އެ ފުލައިޓު ހަމްބަންޓޯޓާގެ މައްޓަލަ އެއާޕޯޓަށް ޑައިވާޓުކޮށްފައިވާ ކަމަށެވެ. އަދި ފަހުން އެ ފުލައިޓު ކޮލަމްބޯއަށް ދަތުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ވަނީ އެ އެއާޕޯޓަށް ޖައްސަން އައި ފުލައިޓުތަކުގެ ތެރެއިން ޖުމުލަ ހަ ފުލައިޓެއް މިއަދު ޑައިވާޓްކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ލަންކާއަށް ދަތުރުކުރި ފުލައިޓުތަކުގެ ތެރެއިން ނަރީތާ ދުބާއީ އަދި ޗެންނާއީ އިން ކޮލަމްބޯއަށް އައި ފުލައިޓުތައް އިންޑިއާގެ ޓްރެވެންޑަމަށް ޑައިވާޓްކޮށްފައިވާ އިރު، ޗެންނާއީ އިން ދަތުރުކުރި އެހެން ފުލައިޓަކާއި މާލެއިން އަދި އަބޫދާބީ އިން ދަތުރުކުރި ފުލައިޓު ޑައިވާޓްކޮށްފައިވަނީ ލަންކާގެ މައްޓަލަ އެއާޕޯޓަށެވެ.